07 Oct 2013, 06:14
ރާއްޖެ ޓީވީ ހިންގާ ހެންވޭރު "ކުއީން އޮފް ދަ ނައިޓް" އިމާރާތުގައި ރޯކޮށްލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 4:45 އެހާކަންހާ އިރު އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އަށް ލިބުމާ އެކު އަލިފާން ނިއްވާލުމުގެ މަސައްކަތް ވަނީ ވަގުތުން ފަށާފައި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެފްއާރުއެސްގެ ފަޔަމަނުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވެފައިވާ އިމާރާތުގެ ޓެރަހުގައި މީހަކު ތާށިވެފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މީހާ ވަނީ ސަލާމަތްކޮށްފައި ކަމަށެވެ.
އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ބޮޑުތަކުރުފާނުމަގުގައި ހަތް ބުރިއަށް އިމާރާތްކޮށްފައިވާ ކުއީން އޮފް ދަ ނައިޓްގެ ފުރަތަމަ ފަންގި ފިލާއާއި ދެވަނަ ފަންގިފިލާގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ފުލުހުން ބުނީ އެ އިމާރާތުގައި ރޯކޮށްލާފައި ވަނީ އެ ތަނުގައި އެ ވަގުތު ޑިއުޓީ އަށް ހުރި ބިދޭސީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު ކަމަށެވެ. އަދި އެ އިމާރާތުގެ ބިއްލޫރި ގަނޑެއް ތަޅާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ބިދޭސީ މީހާގެ ބުރަކަށިންތަނެއް ޒަޚަމްވެފައިވާ އިރު ފުލުހުންގެ އެހީތެރިކަމާ އެކު އެމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އެވެ.
ރާއްޖެ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުޝާމު މުހައްމަދު ވަނީ ކުށްވެރިކޮށްފަ އެވެ.
ޝަހީބު ވިދާޅުވީ އެއީ ޑިމޮކްރަސީ އަށް މައިގަނޑު އަސާސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، އެކަން ކުރި ބަޔަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ.
ހުޝާމް ވިދާޅުވީ އެކަން ކުރި ބަޔަކު ހޯދާއި އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.
އެމްއެންޑީއެފް އިން މީގެ އިރުކޮޅެއް ކުރިން ބުނީ ރާއްޖެގެ ޓީވީ ހިންގާ އިމާރާތުގައި ރޯވި އަލިފާން ނިއްވާލެވިއްޖެ ކަމަށެވެ. އަދި ފަޔަމަނުން މިހާރު ދަނީ އެ އިމާރާތުގެ ފްލޯތައް ސާޗް ކުރުމުގެ މަސައްކަތްކޮށް، އިމާރާތުގެ ތެރޭގައި ހުރި ދުންތައް ބޭރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން މިއަދު ހެނދުނު ސަން އަށް ވިދާޅުވީ އެ ޓީވީ ހިންގާ އިމާރާތުގައި އަލިފާން ރޯކޮށްލި ކަމުގެ މައުލޫމާތު އޭނާ އަށް ލިބުނީ ފަތިހު 4:30 އެހާކަންހާއިރު ކަމަށެވެ. އަދި އަލިފާން ރޯކޮށްލި އިރު އެ ސްޓޭޝަންގައި އެއްވެސް މުވައްޒަފަކު ނޫޅޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ އިމާރާތުގެ އެތެރެ އަށް ވަދެފައި ވަނީ ޑިއުޓީ އަށް ހުރި ސެކިއުރިޓީ އޮފިސަރަށް ހަމަލާ ދިނުމަށް ފަހު ބިއްލޫރި ގަނޑު ތަޅާލައިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޔާމީން ވިދާޅުވީ ފުރަތަމަ އަލިފާން ރޯކޮށްލާފައި ވަނީ އެ ސްޓޭޝަންގެ ކޮންޓްރޯލް ރޫމްގައި ކަމަށާއި އެ ތަނުގައި ހުރި އެއްވެސް އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
All broadcast equipments, transmission equipments, computer systems fully burnt & destroyed.
— RaajjeTV (@Raajje_tv)October 7, 2013
އޭނާ ވިދާޅުވީ ސީސީ ޓީވީ ފުޓޭޖުން އެނގޭ ގޮތުގައި އެ އިމާރާތަށް ވަދެފައި ވަނީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ކަމަށެވެ. އަދި އެ މީހުން އެ ސްޓޭޝަންގެ ހުރިހާ ތަނެއްގައި ހަރަކާތްވި ތަނުގެ ފްޓޭޖުތައް ވެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.