07 Oct 2013, 04:54
މިހާރު ކުރިއަށްދާ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އުރުދުންއާ ވާދަކޮށް ލަނޑެއް ނުޖެހި ދެޓީމް އެއްވަރު ވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ އުރުދުންގެ ވެރިރަށް އަންމާނުގެ "އަންމާން އިންޓަނޭޝަނަލް ސްޓޭޑިއަމް"ގެ ގަދަ ފިނީގައި ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗު ނިމުނު ފަހުން އުރުދުންގެ ކުޅުންތެރިން ވަނީ ރާއްޖޭގެ ކުޅުންތެރިންނާ ދިމާކޮށް ހަމަ ނުޖެހުން ހިންގަން މަސައްކަތް ކޮށްފަ އެވެ.
އަދި މެޗުގެ އެންމެ ފަހު ވަގުތު ރާއްޖޭ ޓީމުގެ އިބްރާހީމް ރިޒްހާން އަށް ހަމަލާދީފައިވާތީ ރެފްރީވަނީ އުރުދުންގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާފަ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްތާން އަތުން 1-0 އިން މޮޅުވެފައިވާއިރު މިރޭ ލިބުނު ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓު ހޯދައިގެން ރާއްޖެ މި ހާރު އޮތީ ގްރޫޕް ބީގެ އެއްވަނައިގަ އެވެ. ދެވަނައިގައި ދެ މެޗު ކުޅެގެން ތިން ޕޮއިންޓާއެކު ޔަމަނު އޮތްއިރު ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ޔޫއޭއީ އެވެ. އަދި އެއް ޕޮއިންޓާއެކު ހަތަރު ވަނައިގައި އުރުދުން އޮތްއިރު އަފްޣާން އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގަ އެވެ.
ރާއްޖެ ކުޅޭ ތިންވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ޔޫއޭއީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ރާއްޖެ ކުޅެން ޖެހޭނީ ޔަމަނާ ދެކޮޅަށެވެ.
ކޮލިފައިންގައި ހިމެނޭ ނުވަ ގުރޫޕުގެ ތެރެއިން ކޮންމެ ގުރޫޕެއްގެ އެއްވަނަ އަދި، ހުރިހާ ގުރޫޕަކުން ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަގައުމެއް މުބާރާތް ބާއްވާ މިޔަންމާއާ އެކު، 2014 ވަނަ އަހަރުގެ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ގައުމެއް 2015 ވަނަ އަހަރު ނިއުޒީލެންޑުގައި އޮންނަ 20 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕަށް ކޮލިފައިވާނެ އެވެ.