07 Oct 2013, 02:46
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލްބްގެ ހެޑްކޯޗް ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް އަށް އޮމާންގެ ޓީމަކުން ލިބުނު ފުރުސަތަކާއެކު ނިއު ދޫކޮށް އޮމާނަށް ދިއުމަށް ނިންމައިފި އެވެ.
އެފްއޭއެމް ހައުސްގައި މިރޭ ނިއުއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުލަބްގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ ޓީމުން އެގޮތަށް ނިންމީ ދެފަރާތުގެ ވެސް އެއްބަސްވުމުގެ މަތިން ކަމަށާއި އަދި އެއްވެސް ފަރާތަކަށް ލިބޭ ކުރިއެރުމެއް ހުއްޓުވަން ނިއުއިން ބޭނުން ނުވާތީ ކަމަށެވެ.
"އޮމާނުގެ ކްލަބަކުން އެތައް ގުނަ ބޮޑު އޮފާއެއް ކޯޗަށް ލިބުނީމައި އަޅުގަނޑުމެން ނިންމީ އޭނާއަށް ރިލީޒް ދޭން. އަޅުގަނޑުމެންވަނީ ކޯޗާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައި. އެކަމަކު އޭނާއަށް ލިބޭ ކުރިއެރުމަކަށް ހުރަސް އަޅަން ބޭނުން ނުވާތީ ދޫކޮށްލަން ނިންމީ،" ބަލަކް ވިދާޅުވި އެވެ.
މި ސީޒަންގައި ނިއުއާ ހަވާލުވެ ރާއްޖޭގެ މުބާރާތްތަކުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ދިވެހި ލީގާއި އެފްއޭ ކަޕް އެޓީމަށް ހޯދައިދިން 37 އަހަރުގެ ކޯޗު ބުނީ ނިއުއާ ވަކިވާން އޭނާ ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި އޭނާ އެގޮތަށް ނިންމީ އާއިލާއަށްޓަކައި ކަމަށެވެ.
"އަހަރެން ޖެހޭ އާއިލާއާ ދޭތެރޭގައި ވިސްނަން. މި ސީޒަންގައި އަހަންނަށް އިންޑޮނޭޝިއާއިންނާއި ހޮންކޮންގު ކްލަބް ތަކުންވެސް އޮފާ ލިބުނު. އަދި އެފްއޭ ކަޕްގެ ފައިނަލް މެޗުގެ ކުރިން އޮމާން ޓީމުން އޮފާ ލިބުނީ، އެކަމަކު އަހަރެން ނިންމީ ފައިނަލްގެ މެޗުގެ ފަހުން ގޮތެއް ނިންމަން. ދެވަނަ ފަހަރަށް އެމީހުން ގުޅާފަ ބުނީ އެޓީމާ ގުޅެން،" ނިއުގެ ކާމިޔާބު ކޯޗު ބުންޏެވެ. "މިއީ އަހަންނަށް ވަރަށް އުނދަގޫ ނިންމުމެއް. ސަބަބަކީ އަހަރެން މި ކްލަބާއެކު ވަރަށް އުފަލުގައި މިއުޅެނީ. އަހަންނަށް ރައްޓެހިންނާއި މި ކްލަބާއި މެނޭޖްމަންޓުގެ އިތުރުން ކްލަބްގެ ސަޕޯޓަރުން މަތިން ވަރަށް ހަނދާންވާނެ."
ނިއުއަށް މިސީޒަންގެ ކޮމިއުނިޓީ ޝީލްޑާއި ދިވެހި ލީގާއި އެފްއޭކަޕް ހޯދައިދިނުމުގެ އިތުރުން އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ކްލަބް ގެންގޮސްދިން މޮޅު ކޯޗް ބުނީ ނިއުގެ ހުރިހާ ވެސް ކާމިޔާބަކީ ކްލަބްގެ ހުނަރުވެރި ކުޅުންތެރިން ކަމަށެވެ.
"މިތިބަ ރަނގަޅު ކުޅުންތެރިންނާ ނުލައި އަހަންނަކީ އެއްވެސް މީހެއް ނޫން. މި ހުރިހައި ތައުރީފެއް ހައްގުވާންޖެހެނީ އަހަންނަށް އެކަންޏެއް ނޫން. އަހަރެން ނިއުގެ ކުޅުންތެރިންނާއި އެސިސްޓެންޓް ކޯޗުންނަށް ޝުކުރު އަދާކުރަން،" ޕޮޕޯފް ބުންޏެވެ.
ނިއުއާ ހަވާލުވުމުގެ ކުރިން މެސެޑޯނިއާ އާއި ބަލްގޭރިޔާގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކަށް ކޯޗުކަން ކޮށްދިން ޔުއޭފާ ޕްރޯ ލައިސަންސް ހޯދާފައިވާ ކޯޗު ވަނީ އޭނާ އަދި އެނބުރި ރާއްޖެ އައުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފަ އެވެ.
"ރަހްމަތްތެރި ކަމަކީ ނަތީޖާއާއި ތައްޓަށްވުރެ މުހިއްމު އެއްޗެއް. އަހަރެން އެދެން ކޮންމެވެސް ދުވަހަކުން އަދި އެނބުރި އަންނަން،" ޕޮޕޯފް ބުންޏެވެ.
އޮމާންގެ ޓީމާ ހަވާލުވުމަށް ހޯމަ ދުވަހު އެގައުމަށް ޕޮޕޯފު ފުރުމަށް ހަމަޖެހިފައިވާއިރު ނިއުރޭޑިއަންޓުން ބުނީ އެޓީމުގެ ބޯޑު މީޓީންއަށް ފަހު ސީޒަންގެ ބާކީ އޮތްބައިގައި ޓީމާ ހަވާލުވާނޭ ފަރާތެއް އިއުލާނު ކުރާނޭ ކަމަށެވެ.