06 Oct 2013, 23:09
ރާއްޖެ އަށް ބޭނުން ވަނީ ޓެރަރިޒަމްގެ ބިރުވެރިކަމާއި ނުރައްކާތެރިކަން ނޫން ކަމަށާއި ރާއްޖެ އަށް ބޭނުން ވަނީ، ކުރިން ވެސް އޮތް ފަދަ އަމާން ސުލްހަވެރި ވެއްޓެއިގައި ގާއިމު ކުރެވިފައިވާ ޓޫރިޒަމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ނަސަންދުރަ ޕެލަސް ހޮޓަލެއްގައި ޕީޕީއެމް އިން ބޭއްވި ނޫސްކޮންފަރެއްސެއްގައި ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ކުރެވޭ އަދި އިގްތިސާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވިޔަފާރި ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުން ވެސް ރާއްޖެއަކީ އަމާންކަމާއި ސުލްހަ މަސަލަސްކަމަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ތަނެއްކަން ކަށަވަރުވާ ކަމަށެވެ.
"ރާއްޖެއަކީ ޓެރަރިޒަމަށް ޖާގަދޭނޭ ފަސްގަނޑަކަށް ނުވާތީވެ، ރާޖޭގައި ހިނގާނެ ޓޫރިޒަމް. ފަތުރުވެރިކަން ރާއްޖޭގައި ހިނގާނީ. އަމާން ބަނދަރެއްގެ ގޮތުގައި ރާއްޖެ އޮތީ. ސުލްހަވެރި ތަނެއްގެ ގޮތުގައި ރާއްޖެ އެނގިގެން ގޮސްފައި މިއޮތީ،" ޑރ. ޖަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ތަކުރާރުކޮށް މިއަދާ ހަމައަށް ރާއްޖޭގެ އަމާންކަން ނަގާލައި ސުލްހަވެރިކަން ގެއްލުވައިލުމަށް ހިންގަމުން އައި އަމަލުތަކުން އެނގިގެން ދަނީ އެފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ކުއްލިއަކަށް ހިންގާ އަމަލުތަކެއް ނޫން ކަމަށެވެ. އަދި ގައުމު ދެކެ ލޯވިވާ އެއްވެސް ރައްޔިތަކު އެފަދަ އަމަލުތަކަށް ތަރުހީބު ނުދޭނޭ ކަމަށް
"އިންތިހާބުގެ ފުރަތަމަ ބުރުގެ ފަހުން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ ބައެއް ވިޔަފާރިވެރިން ވެސް ފަޔަށް ހިނި އަރައިގެން އުޅޭ ގޮތަށް، އަވަސްވެގެން އެމްޑީޕީއާ ދިމާއަށް މިސްރާބު ޖެހި އިރުގައި އެބޭފުޅުންނަކީ ބައެއް ކަހަލަ އާންމު ހިދުމަތްތަކުގައި ހަރަކާތްތެރިވާ ބޭފުޅުން. އެފަދަ ހިދުމަތްތަކަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެވަރަށް ސިޔާސީ ކޮށްގެން މީހުން ކުރާ ކަންތަކެއް ނޫން. އެއީ ސަބަބަކީ ރައްޔިތުންގެ އިތުބާރާ ގުޅިވަފައިވާ ކަމަކަށް ވާތީ." ޖަމީލު ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ސަރުކާރާއި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެމްޑީޕީ އާއި އެ ޕާޓީގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމަށް ގޮވާލައި ހިންގާ އަމަލުތައް ކުއްވެރި ކުރަށްވަމުން ޑރ. ޖަމީލު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިވެރިން ވެސް އެމްޑީޕީގެ އެފަދަ މުޒާހަރާތަކުން ފެންނަމުންދާ ކަމަށާއި އޭގެ މާނައަކީ އެފަދަ ފަރާތްތަކުން ވެސް އެކަންކަމަށް ހަމަ ރުހި ގަބޫލީތޯ ސުވާލު އުފެދޭ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ ހަމަ ގަބޫލުކުރާ، ސުލްހަ ގަބޫލުކުރާ އަދި ރާއްޖޭގެ ގާނޫނުގެ އަމުރު ގަބޫލުކުރާ އެއްވެސް ބަޔަކު އެމްޑިޕީގެ އެފަދަ ގޮވާލުންތައް ގަބޫލުކުރާނޭ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
"މިފަދަ އަމަލުތައް ހިންގުމަށް އެމްޑީޕީ އަށް ހިތްވަރު ލިބެނީ އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ބައެއް އަމަލުތައް އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ ޒިންމާދާރު ބައެއް ފަރާތްތަކުން ގަބޫލުފުޅު ކުރައްވާތީވެ. އެ ގަބޫލުކުރުމަކީ އެ ޖަމާއަތާ ގުޅުން. އެ ޖަމާއަތަށް އެހީތެރިވުން. ވާގިވެރިވުން،" ޖަމީލު ވިދާޅުވި އެވެ.
ޑރ. ޖަމީލު ވިދާޅުވީ އެމްޑީޕީއިން ކަނޑައެޅިގެން އެފަދަ ލާއިންސާނީ، ރަހްމުކުޑަ އަމަލުތައް ހިންގަމުންދާއިރު އެފަދަ ކަންކަމަށް ހިތްވަރުދީ ވާގިވެރިވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ޒިންމާދާރު ސުލްހައަށް ލޯބިކުރާ ފަރާތްތަކުން އެމްޑީޕީގެ އެފަދަ އަމަލުތަކާ ދުރަށް ދާން ޖެހޭ ކަމަށެވެ.