27 Nov 2010, 07:24
ޓެކްސް ދެއްކުމުގައި އެންމެ ފަސޭހަ ގައުމަކީ ދިވެހިރާއްޖެ ކަމަށް އިންޓަނޭޝަނަލް ފައިނޭސް ކޯޕަރޭޝަން [އައިއެފްސީ] އާއި ވޯލްޑް ބޭންކު ގުޅިގެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
އައިއެފްސީ އާއި ވޯލްޑް ބޭންކްގެ ރިޕޯޓް ޝާއިއު ކުރާ، ޕުރައިސް ވޯޓާ ހައުސް ކޫޕާޒް (ޕީޑަބްލިޔުސީ) "ޕެއިން ޓެކްސަޒް"ނުނީ ޓެކްސް ދެއްކުމުގެ ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ޓެކްސް ދެއްކުމަށް އެންމެ ފަސޭހަ ގައުމުތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ އިތުރުން ގަތަރާއި ހޮންކޮންގް ހިމެނޭ ކަމަށެވެ. އަދި ޓެކްސް ދެއްކުމުގައި އެންމެ އުނދަގޫ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި ސުވިޒަލޭންޑް ފާހަގަކުރެވޭ ކަމަށެވެ.
ޕީޑަބްލިޔުސީގެ ފަރާތުން ޓެލެގުރާފް ނިއުސް އާ ވާހަކަ ދައްކަމުން އެ ޖަމްއިއްޔާގެ އެކްސްޓާނަލް އެފެއާޒް ޑައިރެކްޓާ ނެވިލް ހޯލެޓް ވިދާޅުވެފައި ވަނީ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުން އެ ގައުމުތަކުގެ ވިޔަފާރިތަކުން ޓެކްސް ދެއްކުމަށް އަހުލުވެރި ކުރުވުމަށްޓަކައި ފަސޭހަ ނިޒާމުތަކެއް ގާއިމް ކޮށްފައި ވާކަމަށެވެ. އަދި އޭގެ ސަބަބުން ޓެކްސް ދެއްކުމުގައި ވިޔަފާރިތަކަށް ފަސޭހަވެ އަގުވެސް ހެޔޮވާކަމަށް ނެވިލް ވިދާޅުވެފައިވެ އެވެ.
އެ ދިރާސާ ކުރުމުގައި ޓެކްސް ދެއްކުމަށް އެންމެ ފަސޭހަ ގައުމުތައް ކަނޑައެޅުމުގައި ބަލާފައި ވަނީ އެ ގައުމުތަކުގައި ޓެކްސް ދެއްކުމަށް ކަނޑައަޅާފައި ހުރި ނިޒާމުތަކަކީ ކިހާ ފަސޭހަ ނިޒާމްތަކެއްތޯ އާއި ޓެކްސް ދެއްކުމުގައި ހޭދަވާ ވަގުތުތަކާއި ވިޔަފާރިތަކުން ޓެކްސް ދައްކާފައި ހުރި މިންގަނޑުގެ މައްޗަށެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގެ ރިޕޯޓްތަކާ އަޅާކިޔާ އިރު މި އަހަރުގެ ރިޕޯޓުގައި އެވްރެޖް ޓެކްސްގެ މިންވަރު ފަސް ޕަސެންޓް ދަށަށްގޮސްފައި ވާއިރު ޓެކްސް ދައްކާ ފަރާތްތަކުގެ އަދަދު ވެސް ވަނީ ހަތަރު ޕަސެންޓް ދަށްވެފަ އެވެ.
ޓެކްސް ދެއްކުމަށް އެންމެ ފަސޭހަ ގައުމަކީ ރާއްޖެ ކަމަށް އައިއެފްސީ އާއި ވޯލްޑް ބޭންކުން ކަނޑައެޅި އިރު، ރާއްޖޭގައި އިންކަމް ޓެކުހެއް އަދި ކޯޕަރޭޓް ޓެކުހެއް ނުނަގަ އެވެ.
ޓެކްސް ދެއްކުމަށް އެންމެ ފަސޭހަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅި މިއީ ތިން ވަނަ އަހަރެވެ.