ޖިނާއީ އެކިއެކި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ގާތުން ބަލައި ފާސްކުރަނީ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަ ގޮތަށް ކަމަށާއި އެކަން ކުރަނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަވާގޮތުގެމަތިންކަން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަށް އަންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިއުމަންރައިޓްސް ކޮމިޝަނަށް މިކަން އަންގާފައިވަނީ އެކޮމިޝަނަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފޮނުވި ސިޓީއެއްގައެވެ.

ގާތުން ބަލައި ފާސްކުރުމުގައި ފުލުހުން އަމަލުކުރާ ގޮތް ބަޔާންކޮށްދީފައި ވަނިކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އިސްލާހުކުރުމަށް އެދިފައިވާ ކަންތައްތަކާ ގުޅެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އަށް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޢަލީ ރަޝީދު ސޮއިކުރައްވާ ސިޓީއެއް ފޮނުވައިފައިވަނީ މިއަދުއެވެ.

މިއަދު އެ ކޮމިޝަނަށް ފުލުހުން ފޮނުވާފައިވާ ސިޓީ ގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ބަލައި ފާސްކޮށް ހަދަމުން އަންނަނީ "ފުލުހުންނަށް ލިބިފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާއި ބެހޭ ގާވާއިދު" ގެ ދަށުންކަމަށާއި އެކަން ކުރަނީ މި ގާވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ވަކި އުސޫލެއްގެ މަތިންކަމަށެވެ. އަދި މީހެއްގެ ހަށިގަނޑު ގާތުން ބަލައި ފާސްކުރުމަށް ހުއްދަ ދެމުން އަންނަނީ އެނޫންގޮތަކަށް ބަލައި ފާސްކޮށްގެން މި މާއްދާގެ (ހ) ގައި ބުނެފައިވާ މަގުސަދުތައް ފުރިހަމަ ނުވާ ހާލަތްތަކުގައިކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

މި ޤަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން ފުލުހުން މީހެއްގެ ހަށިގަނޑު ނުވަތަ ލައިގެންހުންނަ ފޭރާމުގެ އެތެރެއިން ބަލައި ފާސްކުރަން ޖެހުނުނަމަވެސް އެކަން ކުރުމުން އަންނަނީ މި ގާވާއިދުގެ (ބ) ގައި ވާގޮތަށް އަޚްލާގީ މިންގަނޑުން ބޭރުނުވާގޮތަށް ބަލައިގެން އަދި އެމީހެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ވެސް ޢަމަލުކުރަމުން އަންނަ ގޮތުގެ މަތިންކަމަށް ސިޓީ ގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ ކޮމިޝަނުން އިން އިސްލާހުކުރުމަށް އެދިފައިވާ ކަންތައްތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުން ގާތުން ބަލައި ފާސްކުރާ މީހެއްގެ ހަށިގަނޑު އެމީހެއްގެ ހުއްދައާ އެކު ނުވަތަ އެމީހާ އެދޭމީހެއްގެ ހާޒިރުގައި ބަލައި ފާސްކުރާގޮތަށް ހެދުމަކީ، އެންމެ އެދެވޭގޮތެއްގައި މީހުން ބަލައި ފާސްނުކުރެވި އަދި ކުއްލިއަކަށް ބަލައި ފާސްކުރަން ޖެހޭ ވަގުތެއްގައިވެސް އެކަން އެގޮތަށް ނުކުރުމުގެ ފުރުސަތު އޮތް ގޮތެއްކަން އެސިޓީގައި ބުނެފައިވެއެވެ.

މިއާއެކު އެޚިޔާލުތަކާ އެއްގޮތަށް އަމަލުކުރުމުން ކޯޓު އަމުރެއްގެ ދަށުން ގާތުން ބަލައި ފާސްކުރަން ޖެހިދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމަށާއި ކުއްލިއަކަށް ބޮޑެތި މާރާމާރީތަކުންނާއި މުޒާހަރާތަކުންނާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ކޯޓު އަމުރެއްގެ ދަށުން ހަށިގަނޑު ބަލައި ފާސްކުރަން ޖެހުމަކީ ފުލުހުންގެ މަސައްކަތްތައް ހުއްޓި ގާއުމުގެ އެތައް ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިގެންދާނެކަމެއްކަމަށްވެސް އެސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް "ފުލުހުންނަށް ލިބިފައިވާ އެންމެހާ ގާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާއި ބެހޭ ޤަވާއިދު" ގެ 33 ވަނަ މާއްދާގެ (އ) ގައި ބުނާގޮތަށް ބުއްދީގެ އުނިކަމެއް ހުރި ނުވަތަ ނަފުސާނީގޮތުން ގެއްލުމެއް ލިބިފައި ހުރި މީހަކު ގާތުން ބަލައި ފާސްކުރުމުގައި އެކަންކުރަމުން މިހާރުވެސް އަންނަނީ އެމީހެއްގެ މަސްލަހަތު ދިފާއުކުރެވޭ މުސްތަގިއްލު މީހެއްގެ ހާޒިރުގައިކަން ފުލުހުންގެ ފަރާތުން އެ ކޮމިޝަނނަށް ފޮނުވާފައިވާ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.