ދިވެހިރާއްޖޭގައި ހިނގާނީ ގާނޫނުގެ އަމުރު ކަމަށާއި ލަކުޑިބުރީގެ އަމުރު ނޫން ކަމަށާއި އަދި އެފަދަ ކަންކަމަށް ޖާގަ ނުދޭނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ސުލްހަ މަސަލަސް ކަމަށް ލޯބިކުރަމުން އަންނަ ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށާއި ހިޔާލު ތަފާތުވުން އުފެދޭ ހާލަތްތަކުގައި ކަން ކުރަންވާ ގޮތް ރާއްޖޭގެ ގާނޫނު އަސާސީން ވަރަށް ހާމަކޮށް އެނގެން އެބަ އޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ކަމުގައިވީ ނަމަވެސް، ރާއްޖެއަކީ ރާއްޖޭގެ ރައްޔިތުން މިއަދާ ހަމައަށް ވެސް ސުލްހަވެރިކަމާއި އަމާން ކަމަށް ލޯބިކުރި ތަނެއް. ރާއްޖޭގައި ވެސް އެބަހުރި ގާނޫނުތައް ހެދިފައި. ހިޔާލު ތަފާތުވީ ނަމަވެސް އަޅުގަނޑުމެން ހިނގަން ޖެހޭ މަގު އެއޮތީ ވަރަށް ހާމަކޮށް އެނގެން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަވަސްކުރުމަށް ގޮވާލައި ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ސަލާމަތީ ބާރުތަކަށް ހަމަލާދީ ސަރުކާރުގެ މުދަލާއި ތަކެއްޗަށް ގެންލުންދީ ހަދާފައިވާ އިރު ޖަމީލު ވިދާޅުވީ މައްސަލަތަކެއް ޖެހި ހިޔާލު ތަފާތުވުންތަކެއް އުފެދުމުން އެފަދަ ކަންކަމާ އިހްތިޖާޖު ކުރުމާއި އަދި އެފަދަ ކަންތައްތައް ހައްލުކުރުމަށް އަމަލުކުރަން ޖެހޭ ގޮތް ވަރަށް ސާފު ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމުގައިވާ ނަމަ އެމައްސަލަތަކަށް ހައްލު ހޯދުމަށް ކޯޓުތަކެއް އެބަހުރި. ނޫނީއްޔާމު އަޅުގަނޑުމެންނަށް ސުލްހަވެރި ގޮތުގައި އިހްތިޖާޖު ކުރުމުގެ ފުރުސަތު ވެސް ރާއްޖޭގެ ގާނޫނުގައި އެއޮތީ ދީފައި،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ވިދާޅުވި އެވެ. "އަޅުގަނޑުމެން މިއަދު ގަބޫލުކުރަން އެބަ ޖެހޭ، ރާއްޖޭގައި ހިނގާނީ ގާނޫނުގެ އަމުރުކަން. ރާއްޖޭގައި ލަކުޑިބުރީގެ އަމުރެއް ނުހިނގާނެ. އަދި އެކަމަކަށް ޖާގައެއް ނުއެއް ދެވޭނެ."

ޑރ. ޖަމީލު ވިދާޅުވީ ބަޔަކު ކޮންމެ ގޮތަކަށް ހީކުރި ނަމަވެސް ލަކުޑިބުރި އާއި އެފަދަ އެނޫން ވެސް ތަކެތި ހިފައިގެން ރާއްޖޭގެ މަގުތަށް ނާމާންކުރަން، ރައްޔިތުން ޖާގަނުދޭނެ ކަމަށެވެ.

"ޒުވާނުންގެ ނަމުގައި އެމްޑީޕީ އިން ގެންގުޅޭ މަދު ބަޔަކު އައިސް ހިންގާ އަމަލުތަކަކީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ގިނަ ޒުވާނުން ބަލައިގަންނާނޭ ކަންތައްތަކެއް ނޫން. އަދި ހަމަ އެއާ އެކު މި އަމަލުތައް ހިންގާފައިވާ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ މީހުން. އެ މީސްމީހުންނަކީ އެމްޑީޕީގެ ތެރޭގައި ހަރަކާތްތެރިވާ މީހުންކަން، އަޅުގަނޑުމެންނަށް އެބަ އެނގޭ،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ހަބަރުފަތުރާ ބައެއް މީޑިޔާތަކުން ކަންކަން އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި އަދި އެފަރާތްތަކާ މެދު މީޑީއާގެ ބެލެނިވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކުން ސަމާލުވެ ފިޔަވަޅު އެޅުމަށް ވެސް ގޮވައިލެއްވި އެވެ. އަދި އެފަދަ މީޑިއާތަކުން ވެސް ޒިންމާދާރުކަމާ އެކު ހަބަރުތައް ފެތުރުމުގައި އަމަލު ކުރުމަށް ގޮވައިލެއްވި އެވެ.

"ރާއްޖެ ޓީވީން ގެންނަ މައުލޫމާތުގެ ތެރޭގައި ރޭގެ މުޒާހަރާގެ ތެރެއިން ކަނޑައެޅިގެން މި އަމަލު ހިންގި ބަޔަކީ އަޅުގަނޑުމެންގެ ޕާޓީން އަދި ހާއްސަކޮށް އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް ޔާމީނުގެ މީހުންނޭ ކިޔާފައި ވާހަކަ ދެއްކުމަކީ އަޅުގަނޑު ދަންނަވާނީ ހަގީގަތުގައި މުޅި އެމްޑީޕީގެ ތެރޭގައި ޒަމާނުއްސުރެ ފެތުރިފައި އޮންނަ ސަގާފަތް ހާމަކޮށްދޭ ކަމެއް." ޖަމީލު ވިދާޅުވި އެވެ. "ބައްލަވާ ބަނބުކެޔޮ ޖާ އަކީ ޔާމީނުގެ ބޭފުޅެއްތޯ. ކޮންމެ މީހަކަށް ވެސް އެނގޭ އެއީ ކާކުކަން. ރީކޯ މޫސަގެ ދަނބިދަރިފުޅު. އޭނާގެ ވާހަކަ ޑރ. އަފްރާޝީމުގެ މަރާ ގުޅިގެން ހުމާމުވެސް ފާހަގަކޮށްފައި އޮތީ."

"އަޅުގަނޑު ދަންނަވާނީ، ކޮންމެވެސް އެއްވަގުތަކު، މިއަދުވިޔަސް އަދި ލަސް ވަގުތެއްކަމުގައި ވިޔަސް މި އަމުރު ރާއްޖޭގައި ހިނގާ، އެމްޑީޕީން މިހިންގާ ކަންތައްތައް ހަގީގަތުގައި ނިމުމަކަށް ގެންނަން އެބަ ޖެހޭޔޭ. އަދި މީޑިޔާ މެދުވެރިކޮށް، ރާއްޖެ ޓީވީ މެދުވެރިކޮށް ހިންގާ ކަންތައްތައް ވެސް ނިމުމަކަށް ގެނެސް އެކަންތައްތަކުގެ މައްޗަށް އެބަ ޖެހެޔޭ ޒިންމާދާރު ގޮތެއްގައި ބެލެވި، އަދި ފިޔަވަޅު އެޅެން،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ރާއްޖޭގެ ވެރިކަން އެމްޑީޕީ އަށް ލިބިއްޖެ ނަމަ، މިގައުމެ ފުލުހުންނާއި ސިފައިން އެކަހެރި ކޮށްލާނެ ކަމަށާއި، އެކަން އެ ޕާޓީގެ އަމަލުތަކުން ވަރަށް ބޮޑަށް އެނގި ކަށަވަރުވާ ކަމަށެވެ.

"ރޭގަ އަމަލުކުރިގޮތް އެހެރީ ޓީވީން ފެންނަން. އަޅުގަނޑުމެން އެންމެނަށް އެބަފެނޭ އެމަންޒަރު ހިންގިގޮތް. ލަކުޑިބުރި ހިފައިގެން ސީދާ ފުލުހުންނާ ހަމަލާދިން މަންޒަރު އެހެރީ ފެންނަން. ދައުލަތުގެ މުދަލަށް ހަމަލާދިން މަންޒަރު އެހެރީ ފެންނަން. އަނިޔާވެރި ގޮތަކަށް ހަމަލާދިން މަންޒަރު އެހެރީ ފެންނަން. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އަތުން ހަރަކާތް ކުރަށްވާފައި ޕިކަޕަށް އިޝާރާތް ކުރަށްވާފައި ސިފައިންނާ ދިމާއަށް ދާން އިޝާރާތް ކުރެއްވިތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެހެން ވިއްޔާ ސުވާލަކީ އެއީ ވެސް ޔާމީން އަންގަވައިގެން ތޯއޭ ރައީސް ނަޝީދު އެގޮތަށް އަތުން އިޝާރާތް ކުރައްވަނީ،" ޖަމީލު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕޯޑިއަމްތަގުގަ އާއި އަދި ސިޔާސީ އެކިއެކި ހަރަކާތްތަކުގައި ސަލާމަތީ ބާރުތަކުގެ އާއިލާތަކަށާއި އަނބި ދަރިންނަށް އަނިޔާކުރުމަށް ގޮވާލަނީ ވެސް ޕީޕީއެމް އިން ގޮވާލައިގެންތޯ ސުވާލު އުފައްދާ ކަމަށާއި އަދި މިހުރިހާ ކަމަކުން ރައްޔިތުންނަށް އެނގިގެން ދަނީ އެމްޑީޕީއަކީ ޑިމޮކްރަސީ އަށް މަސައްކަތްކުރާ ޕާޓީއެއް ނޫން ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީޕީން ހިންގާ އެފަދަ "ޖަރީމާތައް" ބަލަން ޕީޕީއެމް އިން ނުތިބޭނެ ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށް ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ޕީޕީއެމްއިން ކުރާނޭ ކަމަށެވެ.