އެމްޑީޕީގެ ފަރާތުން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާތީ އެ ޕާޓީއާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލެކްޝަން ކޮމިޝަންގައި އެދިއްޖެއެވެ.

ފުލުހުން މިއަދު އިލެކްޝަން ކޮމިޝަނަށް ފޮނުވި ސިޓީ ގައި އެމްޑީޕީން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހިރާތަކުގައި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކުގައި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި، އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމުގެ އިތުރުން މުޒާހަރާގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ހަމަލާދީ އެފަރާތްތަކަށް އެކިވަރުގެ އަނިޔާތައް ދެމުން ގެންދާ ކަމަށެވެ.

އެކަންކަމުގެ އިތުރުން ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް ވެސް އެ ޕާޓީގެ މުޒާހަރާތަކުން ހިންގަމުންދާ ކަމަށާއި އެހެންކަމުން އެޕާޓީއާ މެދު ފިޔަވަޅުއަޅައިދިނުމަށް އެ ސިޓީގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އެދިފަ އެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ގެ 21 ވަނަ މާއްދާގެ (ށ) ގައި އެއްވުމެއްގައި ބައިވެރިވާ ފަރާތްތަކުން ލަކުޑިބުރި އާއި މުގުރުގެ އިތުރުން ތެޅިމިރުސް ފަދަ ތަކެތި ބޭނުން ކުރުމަކީ މަނާކަމެއްކަމަށް ވާއިރު ރޭ އެޕާޓީން ކުރި މުޒާހަރާގައި އެތަކެތި ބޭނުންކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެ ގާނޫނު ގެ 21 ވަނަ މާއްދާގެ(ނ) ގައި ބުނެފައިވާ ގޮތުން އެއްވުމެއްގައި ބައިވެރިވާ އެއްވެސް މީހަކު ފޮތި ނުވަތަ އެހެންވެސް އެއްޗެއް ބޭނުންކޮށްގެން، އެއްވުމެއްގައި މޫނު ނިވާކޮށްގެން ހުރުމަކީ މަނާކަމެއް ކަމަށެވެ. ނަމަވެސް ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ގިނަބަޔަކު މޫނުނިވާކޮށްގެން ތިބިކަމަށް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ ރޭގެ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނުދެކޭ ކަމަށެވެ. މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް އަނިޔާކޮށްފައިވާ ކަމަށާއި އެކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.