ހަމަނުޖެހުން އުފެއްދުމަށާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ވާހަކަތައް މީޑިއާތަކުން ގެނެސް ނުދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޖަލްސާތަކާއި އެއްވުންތައް ލައިވްކުރާ އިރު ގައިމީ ސަލާމަތާއި ގައުމީ މަސްލަހަތު ނަގާލައި ހަމަނުޖެހުންތަކަށް ގޮވާލާ ވާހަކަތަކުން އެއް ފަރާތްވުމަކީ މީޑިއާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކަންއެހެން އޮތް އިރު އެނގިގެން ނަމަވެސް އަދި ނޭނގި ނަމަވެސް ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ޚަބަރާއި މައުލޫމާތު ބައެއް މީޑިއާތަކުން ފޮނުވަމުންދާ ކަމަށް ފާހަކަ ކުރެވޭ ކަމަށެވެ.

ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ލިބޭ ވާހަކަތައް ފެތުރުމަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކާއި އަދި ނޫސްވެރިކަން އެންމެ މިނިވަންކޮށް ކުރާ ގައުމުތަކުގައި ވެސް ކުރާކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިނިވަން ނޫސްވެރިކަމަކީ ގައުމުގެ އިސްތިގުލާލަށާއި ސިޔާދަތަށް ލޮޅުންއަރާ ފަދަ ގޮތަކަށް ކުރާކަމެއް ނޫން ކަމަށާއި އެފަދަ ވާހަކަތަށް މީޑިއާ އިން ގެނެސްދިނުމުން ގައުމުގައި ބޮޑެތި ހަމަނުޖެހުން އުފެދި އަލުން އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުމަކީ ވެދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމަ އަށް ބޭނުންކުރުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދެ ވަނަ މާއްދާގައިވާ ގޮތަށް، "މީޑިއާތަކުން މަސައްކަތް ކުރަނީ ޒިންމާދާރު ގޮތެއްގައިތޯ މި ކައުންސިލުން ބަލަމުން ގެންދާކަން ހަނދާންކޮށްދޭ" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.