06 Oct 2013, 17:55
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން ރޭ އެމްޑީޕީން ބޭއްވި މުޒާހަރާ އިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވަނީ އެކަން މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ.
"ޑރ. އަފްރާޝީމް އަވަހާރަކޮށްލެވުނު މައްސަލައިގެ ތުހުމަތު ކުރެވުނު ބަޔަކު އެބަތިބި ރޭގެ މުޒާހަރާއިން އަނެއްކާ ވެސް ހައްޔަރަށް ގެނެވިފައި. ދެން އެ އޮންނަން ޖެހޭ އުސޫލެއްގެ ތެރެއިން ހައްޔަރު ކުރެވުނު މީހުންގެ މައުލޫމާތު ރިވީލް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން ރޭގެ މުޒާހަރާ އިން ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ވެސް އަދި އެއީ ކޮން ބައެއް ކަމެއް ނަވާޒު ވިދާޅެއްނުވެ އެވެ. ނަމަވެސް ރޭގެ މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލުމަށް ދިޔަ މީހުންގެ ތެރޭގައި އަފްރާޝީމް އަވަހާރަކޮށްލުމުގެ ބައިވެރިވިކަމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވާފައިވާ އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) ހިމެނެ އެވެ.
ނަވާޒް ވިދާޅުވީ ފުލުހުންނާއި ކުރިމަތިލި މީހުން ސީދާ ފުލުހުނަށް ލަޑިބުރިން ހަމަލާދީފައިވާ އިރު ހިކިމިރުސް ގިރާފައި އަޅާފައި ހުރި ޕެކެޓް ފުލުހުންނާއި ދިމާލަށް އުކާފައިވާ ކަމަށެވެ. ފުލުހުންނާ ސީދާ ގޮތުން ކުރިމަތިލާ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި 11 މީހަކު އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.
އަފްރާޝިމުގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ހަތަރު މީހަކު ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.