ޑިފެންސާއި ހޯމް މިނިސްޓްރީން އޭޖީ އޮފީސް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ރާއްޖެ ޓީވީ ހުއްޓުވަން ނިންމާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފުލުހުންގެ ކިބައިން އެދެފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ސޯޝަލްމީޑިއާމެދުވެރިކޮށް އެ ކޮމިޝަނަށް ލިބިފައިވާ މައުލުމާތުގެ ހަގީގަތް ހޯދުމަށް ފުލުހުންގެ ކިބައިން އެދިފައިވާ އިރު، އެކަން ރާއްޖެ ޓީވީގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ. އަދި ފުލުހުންނަށް ފޮނުވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ވެސް ފޮނުވާފައިވާނެ ކަމަށް ޝަހީބް ވިދާޅުވި އެވެ.

"ޕޮލިސް ސާވިސްގައި ދަންނަވައިފިން މިކަންތައް ތަހުގީގުކޮށްދެއްވާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން މިކަމުގައި ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް. ސަބަބަކީ މިއީ ކިހިނެތް ހިނގާ ކަމެއްތޯ ބަލަން އަޅުގަނޑުމެން ބޭނުން،" ޝަހީބް ވިދާޅުވި އެވެ.

އަދި މިހާރު ފެތުރިގެން އުޅޭ ހަބަރާ ގުޅިގެން ޕޮލިސް ކޮމިޝަނަރާ ބައްދަލުކޮށް މަޝްވަރާކުރަން އެކޮމިޝަނުން ބޭނުންވާތީ ޕޮލިސް ކޮމިޝަނަރުގެ އެ ޕޮއިންޓްމަންޓަކަށް މިހާރު އެދިފައިވާނެ ކަމަށް ވެސް ޝަހީބް ވިދާޅުވި އެވެ.

ޝަހީބް ވިދާޅުވީ މި އަހަރުގެ ޖުލައި މަހުތެރޭ ވެސް ރާއްޖެ ޓީވީއަށް ތްރެޓްތަކެއް އައި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވީ ބްރޯޑްކާސްޓަރުންނަށް އެއްވެސް ކަހަލަ ތްރެޓެއް ކުރިމަތިވާ ނަމަ އެކަމާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.

ސޯޝަލްމީޑިއާތެރޭ މިހާރު ލީކްކޮށްލައިގެން އުޅޭ ޑޮކިއުމަންޓްގައި ބުނެފައި ވަނީ ރާއްޖެ ޓީވީ ހިންގުން ހުއްޓުވުމަށް ދީފައިވާ ނަމަކީ "ފޯރަމް15" ކަމަށެވެ. އަދި އެ ޕްލޭން ކާމިޔާބު ކުރުމަށް ކަނޑައަޅާފައިވާ ފަސް ކަމެއް ވެސް ލީކްކޮށްލާފައިވާ ޑޮކިއުމަންޓްގައިވާ ކަމަށެވެ.