06 Oct 2013, 17:30
އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ލަޓިބުރި ބޭނުންކޮށްގެން ފުލުހުންނަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލަ ފުލުހުންގެ ގާނޫނީ ޓީމަކުން ބެލުމަށް ފަހު އެ ޕާޓީއާ މެދު ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ރޭގެ މުޒާހަރާގައި ހިންގާފައިވާ ގާނޫނާ ޚިލާފު ކަންތައް ފުލުހުންގެ ގާނޫނީ ޓީމަކުން މިހާރު ދިރާސާކުރަމުން އަންނަ ކަމަށާއި އެ ދިރާސާ ނިމުމުން އެމްޑީޕީއާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްގެ ގާނޫނީ ޓީމަކުން ވެސް ދަނީ ދިރާސާ ކުރަމުން. އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރޭގަ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރޭގައި މިފަދަ އަމަލުތަކެއް، ބައެއް ޕާޓީތަކުގެ މެމްބަރުން ކަމަށް އަޅުގަނޑުމެން ތުހުމަތު ކުރަނީ. މިކަން ހިނގައިގެން މިދިޔައީ. މި މައްސަލަ ދިރާސާ ކުރުމަށް ފަހު ކަމާ ބެހޭ ފަރާތްތަކަށް މި ޕާޓީއާ ގުޅުން ހުރި ބަޔަކު މިދަފަ އަމަލުތައް ހިންގާފަވާ ކަމަށް ބެލެވޭތީ އެ ގުޅުން ހުރި މުއައްސަސާތަކަށް އެކަމަކާ ގުޅިގެން ފިޔަވަޅު އެޅުމަށްޓަކައި މަސައްކަތް ކުރުމަށް،" ނަވާޒު ވިދާޅުވި އެވެ.
ނަވާޒު ވިދާޅުވީ ރޭގެ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނުދެކޭ ކަމަށެވެ. މުޒާހަރާގައި ހަމަނުޖެހުން ހިންގައި ފުލުހުންނަށް އަނިޔާކޮށްފައިވާ ކަމަށާއި އެކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޒާހަރާގެ އެކި ސަރަހައްދުތައް ފުލުހުން ބަލައި ފާސްކުރި އިރު ޕިކަޕެއްގެ ތެރެއިން ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވޭ ލަޓިބުރިތަކާއި ކަޅުތެޔޮގެ އިތުރުން މިރުސް ގިރާފައި ހުރި ޕެކެޓުތަކެއް ފެނިފައިވާ ކަމަށެވެ. އެ ހުރިހާ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.
ރޭގެ މުޒާހަރާގައި ފުލުހެއްގެ ފަޔަށް ލަޓިބުރިއަކުން ހަމަލާދީފައިވާ އިރު އެއް ފުލުހެއްގެ މޫނަށް މިރުސްގިރާފައިވާ ފެން ޖެހާފައިވާކަމަށާއި އެ ދެ ފުލުހުންނަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު މަސްތުވާތަކެތީގެ ބާވަތެއްކަމަށް ހޭޝްއޮއިލް ކަމަށް ޝައްކު ކުރެވޭ އެއްޗަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.