06 Oct 2013, 16:04
ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހިކި ކިރާއި ކައްކާތެޔޮ އަދި ދޮންނަ ކުނޑި ބަންދުކޮށްގެން ވިޔަފާރި އުސޫލުން ހިންގުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގައި ވަނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދެއްގައި ތިން ޕެކޭޖިން ފެސިލިޓީއެއް ފައިނޭންސްކޮށް، ތަރައްގީކޮށް ވިޔަފާރި އުސޫލުން ހިންގުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އަދި އެ ޕެކޭޖިން ފެސިލިޓީ ގާއިމުކުރާ ފަރާތްތަކާއެކު 25 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން ހުޅުވާލާ ތިން ޕެކެޖިން ފެސިލިޓީއަށް އެއް ފަރާތަކަށް ކުރިމަތިލެވިދާނެ ކަމަށެވެ. ނަމަވެސް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ވަކިވަކިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ އެ ޕެކޭޖިން ފެސިލިޓީއަކީ ރާއްޖެއިން ބޭރުން ގަނޑުކޮށް ހިކިކިރާއި، ކައްކާތެޔޮ އަދި ދޮންނަކުނޑި ތަފާތު ސައިޒުތަކުގައި ބަންދުކޮށް، ރާއްޖޭގެ މާކެޓަށާއި އެކްސްޕޯޓް މާކެޓަށް ނެރުން ކަމަށެވެ. އަދި އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލައިޓް އިންޑަސްޓްރީތައް ކުރިއެރުވުމާއެކު، ހެޔޮ އަގެއްގައި ތަފާތު ޕެކެޖިން ސައިޒުތަކުގެ ފެންވަރު ރަނގަޅު މުދާތަކެއް ރާއްޖޭގެ މާކެޓިން ލިބޭނެ މަގު ތަނަވަސްކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޕެކެޖިން ފެސިލިޓީ ގާއިމުކުރުމަށް 13،454 އަކަފޫޓުގެ ތިން ބިން ކަމަށެވެ. އަދި އެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށް މިމަހުގެ 27 ވަނަ ދުވަހު ބައްދަލުވުމެއް އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ޕެކެޖިން ފެސިލިޓީ ގާއިމުކުރަން ބޭނުން ފަރާތްތަކުން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.