ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މުޅި ގައުމު އިންތިޒާރުކުރަމުން އަންނަ ބޮޑެތި މައްސަލަތައް އަންނަ މަސް ފެށުމުގެ ކުރިން ނިންމަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހްމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ވަޒީރުން ކެބިނެޓުގައި ތިއްބެވުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ކޯޓުން ވަކި ގޮތެއް ނިންމާނީ ކޮން އިރަކުންތޯ ސަން އޮންލައިނުން ދެންނެވުމުން އުއްތަމަ ފަނޑިޔާރު މިއަދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ޗުއްޓީ އަށް ވަޑައިގެންނެވުމުގެ ކުރިން، ދިވެހިން އިންތިޒާރުކުރަމުން އަންނަ ބޮޑެތި މައްސަލަތައް ކޯޓުން ނިންމަވާނެ ކަމަށެވެ.


"ސުޕްރީމް ކޯޓު ޗުއްޓީ އަށް ދިއުމުގެ ކުރިން އިރާދަކުރެއްވިއްޔާ، ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އާޖަންޓްކޮށް، މުޅި ގައުމު އެ މައްސަލަތަކަކަށް އިންތިޒާރުކުރާ ކަހަލަ ބޮޑެތި މައްސަލަތައް އެންމެ އަވަސް މައްސަލަތައް ގޮތުގައި ހިންގައި ނިންމާލަން މިހާރު ގަސްތުކުރަނީ،" ރައްޔިތުންނަށް ލިބިގެންވާ ޤާނޫނީ ހައްގުތަކާއި އަދި ޝަރުއީ ނިޒާމާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް މިއަދު ފެށި "ޑިޑް ޔޫ ނޯ" ކެމްޕޭނު އިފްތިތާހުކުރުމުގެ ޖަލްސާގައި ސަން އޮންލައިންގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.


ނަމަވެސް، އެ ވިދާޅުވާ ގައުމީ މައްސަލަތަކަކީ ސުޕްރީމް ކޯޓަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ރުހުން ނުލިބޭ ވަޒީރުންގެ މައްސަލަ އާއި މާލިއްޔަތުގެ ޤާނޫނު ތަސްދީގުނުކޮށްވާ މައްސަލަތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، ވަކި މައްސަލައެއްގެ ނަން ފާހަގަކުރައްވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށެވެ.


"އަޅުގަނޑު ވަކި މައްސަލައެއްގެ ނަން ސްޕެސިފިކް ކޮށް ދަންނަވާކަށް ނެތިން. އެހެންނަމަވެސް އެންމެ އަވަސްކޮށް ނިންމަން ހުރި މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެ މައްސަލަތައް އެންމެ އަވަސް މައްސަލަތައް ގޮތުގައި އެއްވެސް ލަސްކަމެއް ނެތި ނިންމާލަން އަޅުގަނޑުމެން މަސައްކަތްކުރަނީ،" ފާއިޒް ވިދާޅުވި އެވެ.


މަތީ މަރްޙަލާގެ ކޯޓަކުން ވަކިގޮތަކަށް ކަނޑައަޅުއްވަންދެން ސިވިލް ކޯޓުން ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާ މައްސަލަތައް ބެލުން ހުއްޓާލައިފައިވާ މައްސަލައަށް ސުވާލު ދެންނެވުމުން ފާއިޒް ވިދާޅުވީ، އެޓާނީ ޖެނެރަލް އޮފީހުން ފޮނުވާ މައްސަލަތައް ބެލުން ސިވިލް ކޯޓުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަން އެމަނިކުފާނަށް ވެސް މީޑިއާ މެދުވެރިކޮށް އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، އަދި އެކަމާ ގުޅޭ ގޮތުން މަދަނީ ކޯޓަށް ވަކި އެއްޗެއް އަންގައިފައިނުވާނެ ކަމަށާއި އެކަމާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓަށް ހުށެހެޅިފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިމުމުން ކަމަށް ފާއިޒް ވިދާޅުވި އެވެ. އެއީ ސިވިލް ކޯޓުގެ އެ ނިންމުން ގުޅިފައި ވަނީ ވެސް ވަޒީރުންގެ މައްސަލައާ ކަމަށް ވާތީ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.