06 Oct 2013, 15:16
އެއްގަމުގައި ދުއްވާ ވެހިކަލްތަކުގެ ޑޮމެއިން ނަންބަރު އަންނަ ހަފުތާއިން ފެށިގެން އަލުން ވިއްކަން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
އެ އޮތޯރިޓީން ބުނީ ބުނީ ދެ ކެޓަރީއެއްގައި ބޭނުންކުރާ ދިހަ ނަންބަރަކަށް ބިޑްކުރުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެ ނަންބަރުތަކަށް ބިޑްކުރެވޭނީ އީގަވަންމަންޓް ޕޯޓަލްގައި ރަޖިސްޓްރީކުރުމަށްފަހު އޮންލައިންކޮށް ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
އެ އޮތޯރިޓީން މިފަހަރު ބީލަމަށް ހުޅުވާލާފައި ވަނީ 1އޭއޭ ކެޓަގަރީގެ ފަސް ނަންބަރާއި ބީ1 ކެޓަރީގެ ފަސް ނަންބަރެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވިއްކަމުން ގެންދިޔަ އެއްގަމު ވެހިކަލްތަކުގެ ޑޮމެއިން ނަމްބަރު ވިއްކުން މެދުކަނޑާލީ ފިނޭންސް މިނިސްޓްރީން އަންގައިގެން މިދިޔަ ޖޫންމަހު އެވެ.
އެ އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އަންގާފައި ވަނީ އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީ ނަމްބަރުގެ ބަދަލުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް ވިއްކައިގެން ލިބޭ ފައިސާ ބަލައިގަތުމުގެ ކަންތައްތައް ކުރިޔަށް ގެންދަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށްތޯ ބަލަން ބޭނުންވާ ކަމަށެވެ. އަދި އެކަންތައްތައް ބަލައި ނިމެންދެން ޑޮމެއިން ނަމްބަރު ވިއްކުމުގެ ކަންތައްތައް ކުރިޔަށް ނުގެންދަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮތޯރިޓީން ޑޮމެއިން ނަންބަރު ވިއްކަނީ އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ނީލަން އުސޫލުންނެވެ. އެ އޮތޯރިޓީން ސައިކަލްގެ ޑޮމެއިން ނަންބަރުގެ ނީލަމުގައި ފެށޭ އަގަކީ 15،000.ރ އެވެ. އަދި ކާރު ނަންބަރުގެ ޑޮމެއިން ނަމްބަރު ފަށާ އަގަކީ 25،000ރ. އެވެ.