މިއަހަރު ރާއްޖެ އިން ހައްޖަހަށް ދިޔަ މީހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ފޮނުވާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

މިގޮތަށް ހަމަޖައްސައިފައި ވަނީ މިދިޔަ މަހުގެ 23 ގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އިން މި އަހަރު 800 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާ އިރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އަށް ޖަމާއަތަކަށް ސަރުކާރުން ވަނީ ހުއްދަދީފަ އެވެ.

ސައުދީ ސަރުކާރުން ރާއްޖެ އަށް އެންމެ ފުރަތަމަ ދީފައި ވަނީ 1000 މީހުންގެ ކޯޓާއެކެވެ.

ނަމަވެސް މައްކާގެ ދެ ހަރަމްފުޅު ބޮޑު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑަށް ޖާގައިގެ މައްސަލަތައް ކުރިމަތިވެގެން ގައުމުތަކަށް ދިން ކޯޓާގެ ތެރެއިން 20 ޕަސެންޓް އުނިކުރި އެވެ.

އަދި ދެ ވަނަ ފަހަރަށް ރާއްޖެ އަށް 200 މީހުންގެ ޖާގަ ދިން ނަމަވެސް ވަގުތު ކުޑަތަންވެގެން އެ މީހުންނަށް މި އަހަރު ހައްޖަށް ދެވޭ ގޮތް ވަނީ ނުވެފަ އެވެ.