06 Oct 2013, 14:01
ސީޕްލޭންގެ ދަތުރުތައް އަތޮޅުތަކަށް ޝެޑިއުލްކޮށް ކުރުމަށް ސީ ޕްލޭން ކުންފުނިތަކުން ހުށަހަޅާފައި އަގުތައް ބޮޑުކަމުން އަލުން އެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު ސަން އަށް ވިދާޅުވީ އެކަމަށް ކުރިމަތިލި ޓީއެމްއޭ އާއި އެމްއޭޓީ އެއްކޮލުމުން އެ ބިޑްގައި ވާދަވެރިކަމެއް ނެތުމުން ދަތުރުތައް ކޮށްދޭން ބުނި އަގުތައް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އަލުން އެކަމަށް ކުރި މަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ސާމީ ވިދާޅުވި އެވެ.
"އެ އަގުތަކަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުތަކެއް. ސަރުކާރުން މަސަކަތް ކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަންކުރެވޭނެ ގޮތެއް ހަމަޖައްސަން،" ސާމީ ވިދާޅުވި އެވެ.
ސާމީ ވިދާޅުވީ މިހާރު ހުށައަޅާފައިވާ އަގުތަކަށް ބަލާނަމަ ރައްޔިތުންނަށް އެދަތުރުތައް ކުރެވެނީ ވަރަށް އަގު ބޮޑުކޮށް ކަމަށާއި އަދި ސަރުކާރުން ދައްކަން ޖެހޭ އަދަދު ވެސް ވަރަށް ބޮޑު ކަމަށެވެ. އަދި އެއީ ސަރުކާރަށް ހިފަހައްޓާލެވޭނެ އަގެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ޓީއެމްއޭ އާއި އެމްއޭޓީގެ މައިގަނޑު ހިއްސާދާރަކީ އެމެރިކާގެ މަޝްހޫރު އިންވެސްޓްމަންޓް ކުންފުނި ބްލެކްސްޓޯން އެވެ. އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18ގައި އެމްއޭޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އެވެ.