06 Oct 2013, 13:55
އޭސީ މިލާންގެ ފޯވާޑް މާރިއޯ ބަލޮޓެލީ ދުވަހަކު ވެސް ތަސައްރަފު ފުދިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އިންގްލެންޑްގެ ކުރީގެ އިޓާލިއަން ކޯޗު ފަބިއޯ ކަޕެލޯ ބުނެފި އެވެ.
އިޓާލިއަން ލީގުގައި މިދިޔަ އާދިއްތަ ދުވަހު ނަޕޯލީ އަތުން އޭސީ މިލާން 2-1 އިން ބަލިވި މެޗަށް ފަހު ކުޅިވަރުގެ ރޫހާ ހިލާފަށް ރެފްރީއާ ދިމާކޮށް ބޭއަދަބީ ބަހުން މުހާތަބު ކުރުމުން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކައިފަ އެވެ. އަދި އިޓަލީގެ އެފްއޭ އިން ވަނީ ބަލެޓޮލީ ތިން މެޗަށް ސަސްޕެންޑު ވެސް ކޮށްފަ އެވެ.
މިރޭ ޔުވެންޓާސްއާ ދެކޮޅަށް މިލާން ނުކުންނަ އިރު އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ބަލެޓޮލީ ނެތުން އެއީ މިލާނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާއިރު 2014 ވަނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ އިޓަލީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
"އަހަންނަކަށް ހިޔެއް ނުވޭ ބަލެޓޮލީ ދުވަހަކު ވެސް ބޮޑުވާނެ ހެނެއް. އެކަމަކު އަހަރެން އުންމީދުކުރަން އޭނާ އަދި ރަނގަޅުވާނެ ކަމަށް،" ރަޝާގެ މިހާރުގެ ކޯޗު އިޓަލީ ނޫހަކަށް ބުންޏެވެ. "އިޓަލީއަކީ މޮޅުޓީމެއް. އަންނަ އަހަރު ބްރެޒިލްގައި އޮންނަ ވޯލްޑް ކަޕްގައި އެންމެ ވާދަވެރި އެއް ޓީމުގެ ގޮތުގައި އިޓަލީ ފެންނާނެ."
"ބްރެޒިލް ކުޅޭނީ އަމިއްލަ ދަނޑުގައި އަދި އެމީހުންގެ ސަޕޯޓަރުން ވަނީ ކޮންފެޑެރޭޝަން ކަޕްގައި ވެސް ޓީމު މޮޅުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި. އާޖެންޓީނާ އެދަނީ ވަރުގަދަ ވަމުން. އަދި ޖަރުމަނަކީ އަދި ވެސް އެންމެ ރަނގަޅު އެއްޓީމު. ހަމަ އެހެންމެ ސްޕެއިން މަތިން ހަނދާން ނައްތައެއް ނުލެވޭނެ. އެކަމަކު ވެސް ހައިރާން ކުރުވަނިވި ކަންތައްތަކެއް މުބާރާތުގައި ފެންނާނެ،" ކަޕެއްލޯ ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރަޝާ ހިމެނޭ ގްރޫޕްގައި އެޓީމަށް އަދި ދެ މެޗު ކުޅެން އޮތްއިރު މިހާރުވެސް އެޓީމަށް ގްރޫޕުގެ ކުރި ލިބިފައިވީ ނަމަވެސް ކަޕެލޯ ބުނީ ލަގްޒަންބާގު އާއި އާޒަރުބައިޖާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ތަކަކީވެސް ފަސޭހަ މެޗު ތަކެއްގެ ގޮތުގައި ނުނަގާނެ ކަމަށެވެ.