އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނަށް ބިރުދެއްކުމަށްފަހު ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަމީހަކީ އއ. އުކުޅަސް، ބީޗްހައުސް ކާމިލް އިބްރާހީމް ކަމަށެވެ.

ކާމިލް އިބްރާހިމްއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި މީގެކުރިން ހަ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އޭނާ އަކީ މިއަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައި އދ. ކަނބުރުދޫ ކައިރިން ކަނޑުމަތީގައި އޮތް ތެޔޮ ބޯޓަކަށް އަރައި އެބޯޓުގައި ތިބި މީހުންނަށް ބިރުދައްކައި މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައިގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.

އޭނާ ހޯދަން ފުލުހުން އާންމުކުރި އެއްމިނެޓުގެ ވީޑިއޯ އިން ޗާންދަނީމަގު ދިރާގު ޓްރެފިކް ލައިޓް ކައިރީގައި ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފޫއަޅުވާލުމަށްފަހު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ލަޓިބުރިއެއް ހިފައިގެން ކާމިލް ވަންނަ މަންޒަރު ފެނެއެވެ.

ފުލުހުންގެ ސެކިއުރިޓީ ލައިންގެ ތެރެއަށް ކާމިލް ވަދެގަތުމުން މުޒާހަރާގެ ބައިވެރީން ތިބޭ ސަރަހައްދަށް އެނބުރި ދިޔުމަށް ފުލުހަކު އޭނާ އަށް ނަސޭހަތްރިވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

ނަސޭހަތްތެރިވާން ފެށުމުން ފުލުސްމީހާއަށް ބިރުދެއްކުމަށްފަހު ލަޓިބުރިއެއް ބޭނުންކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެ ސަރަހައްދުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

ކާމިލް އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއްނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.