06 Oct 2013, 13:13
ރެއާލް މެޑްރިޑަށް މެޗަކުން މޮޅުވާން ބޭނުންވަނީ ފަސް މިނިޓު ކަމަށް އެޓީމުގެ އިޓާލިއަން ކޯޗު ކާލޯ އެންޗެ ލޮޓީ ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ލެވެންޓޭ އަތުން 3-2 އިން މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ، ފުރަތަމަ ހާފްގައި އެޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި އެހެން ނަމަވެސް ފަހު ހާފުގައި ރެއާލް އިން މެޗުގެ އޮއިވަރު ބަދަލުކޮށްލި ކަމަށެވެ.
"އަހަރެމެންނަށް ފުރަތަމަ ހާފްގައި އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު. އެކަމަކު ފަހު ހާފުގައި މެޗު އެއްކޮށް އަނބުރާލެވުނު،" އެންޗެލޮޓީ ބުންޏެވެ. "ރެއާލް މެޑްރިޑް ރަނގަޅަށް ކުޅެފި ނަމަ އަހަރެމެންނަށް ފަސް މިނިޓު ތެރޭގައި މޮޅުވެވިދާނެ."
ލެވެންޓޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލެވެނެޓޭއަށް ކުރިހޯދައިދިނީ މެޗުގެ 57 ވަނަ މިނިޓުގައި އެޓީމުގެ ސެނެގާލް ފޯވަޑް ޕަޕާ ބާބކާ ދިއަވަރާ އެވެ. އެހެން ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ސަޖިއޯ ރާމޯސް ވަނީ ލަނޑެއް ކާމިޔާބުކޮށް ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ 86 ވަނަ މިނިޓުގައި ލެވެންޓޭގެ މޮރޮކޯ މިޑްފީލްޑަރު ނަބީލް އަލް ޒަހްރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ކުރި ހޯދައިދީފައި ވަނިކޮށް އޭގެ ހަތަރު މިނިޓު ފަހުން ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. އަދި ރެއާލް މެޗުން މޮޅުވި ލަނޑު ފަހުހާފުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
"މިއީ އަހަރެމެންނަށް މޮޅުވުން މުހިއްމު މެޗެއް. އެހެން ކަމުން އަހަރެމެން ކުޅުނީކީ އެންމެ ރީތި ފުޓްބޯޅައެއް ނޫން. އެކަމަކު އަހަރެމެން މޮޅުވުން ހައްގު،" އެންޗެލޮޓީ ބުންޏެވެ.
އެންޗެލޮޓީ ބުނީ މެޗުގައި ދޫނުދީ ހިތްވަރާ އެކީ މޮޅުވާން މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ތިބި ޓީނެއް ނަމަ މޮޅުވުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ.
ރޭގެ މޮޅާއެކު ރެއާލް އޮތީ ތާވަލްގެ އެއްވަނައިގައި 24 ޕޮއިންޓް ހޯދައިގެން އޮތް ބާސެލޯނާއަށްވުރެ ފަސް ޕޮއިންޓް މަދުން ލިބި ތިންވަނައިގަ އެވެ. ދެވަނައިގައި އޮތީ 21 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އެވެ.