އިނގިރޭސި ލީގުގައި ރޭ ސަންޑަލޭންޑު ކޮޅަށް މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ބެލްޖިއަމް ތަރި އަދުނާން ޖަނޫޒަޖް ޖަހައިދިން ދެ ލަނޑުން 2-1 އިން މޮޅުވެ ލީގުގައި ޖެހިޖެހިގެން ތިން ބަލިވުމުގެ ލަދުން ޔުނައިޓެޑް ސަލާމަތް ވެއްޖެ އެވެ.

ހުސްވި މަހުގެ 22ގައި މެންޗެސްޓާ ސިޓީ އަތުން 4-1 އިން އަދި 28ގައި ވެސްޓްބްރޮމް އަތުން 2-1 އިން ބަލިވެފައިވާ އިރު އެންމެ ފަހުގެ ލީގު ޗެމްޕިއަން ޖެހިޖެހިގެން ތިން ލީގު މެޗުން އެންމެ ފަހުން ބަލިވެފައިވަނީ 2001 ވަނަ އަހަރު އެވެ.

ސްޓޭޑިއަމް އޮފް ލައިޓްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީ ވެސް ސަންޑަލޭންޑް އެވެ. އެޓީމަށް ލަނޑު ޖަހައިދިނީ މެޗުގެ ފަސް ވަނަ މިނިޓުގައި ކްރެއިގް ގާޑްނާ އެވެ.

ފުރަތަމަ ހާފްގައި ވެސް މެޗުގެ ނަތީޖާއަށް ބަދަލެއް ނުގެނެވި ހާސްކަމުގެ ތެރޭގައި ކުޅެމުން ދިޔަ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަނޫޒަޖް ކާމިޔާބުކުރީ 55 ވަނަ މިނިޓުގަ އެވެ. އަދި އޭގެ ހަ މިނިޓް ފަހުން ލަނޑެއް ކާމިޔާބުކޮށް އޭނާ ވަނީ ޑެވިޑް މޮއެސްއަށް ހަމަ ނޭވާ ލެވޭ ވަރު ކޮށްދީފަ އެވެ.

ޔުނައިޓެޑްގެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަންއަށް ފަހު އެޓީމާ ހަވާލުވި ފުރަތަމަ ކޯޗުގެ ފުރަތަމަ ސީޒަންގައި ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެފައިވާ އިރު އެޓީމު އޮތީ 10 ޕޮއިންޓާ އެކު ތާވަލުގެ ނުވަ ވަނައިގަ އެވެ. ރޭގެ މެޗުން ބަލިވުމުން ސަންޑަލޭންޑް އަދިވެސް އޮތީ ހަތް މެޗު ކުޅެގެން ލިބުނު އެންމެ ޕޮއިންޓަކާ އެކު ތާވަލުގެ ފުލުގަ އެވެ.

"އެއީ އަހަރެމެން އެ ކުޅުންތެރިއަކާ މެދު ވަރަށް ބޮޑަށް ވިސްނާ ކުޅުންތެރިއެއް،" ޖަނޫޒަޖްއާ ބެހޭ ގޮތުން ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއެސް ބުންޏެވެ. "އެއީ ހުނަރު ހުރި، އަދި ތަފާތު ޕޮޒިޝަންތަކަށް ބޭނުން ހިފޭ ކުޅުންތެރިއެއް. އެވަޓަންގައި ވޭން ރޫނީއާއި ރޮސް ބާކްލޭ ފަދަ ކުޅުންތެރިންނަށް އެޓީމަށް އަލަތު މެޗު ކުޅުމުގެ ފުރުސަތު ދިނިން. ޖަނޫޒަޖް ހިމެނެނީ ހަމަ އެ ކެޓަގަރީގައި."

ސަންޑަލޭންޑްގެ ކޯޗު ކަމުން އިޓަލީގެ ޑިކެނިއޯ ވަކިކުރުމަށްފަހު ވަގުތީ ކޯޗެއްގެ ގޮތުގައި ޓީމާ ހަވާލުވެ ހުރި ކެވިން ބޯލް ބުނީ، ފުރަތަމަ ހާފްގައި އޭނާގެ ޓީމުން ރަނގަޅަށް މަސައްކަތް ކުރިކަމަށާއި އަދި އޭގެ ނަތީޖާވެސް ފެނުނު ކަމަށެވެ.

"ފުރަތަމަ ހާފްގައި އަހަރެމެންނަށް ރަނގަޅަށް ކުޅެވުނު. އަދި އަހަރެމެންނަށް ލަނޑެއް ކާމިޔާބު ކުރެވި އިތުރު ފުރުސަތު ތަކެއްވެސް ލިބި އޭގެ ބޭނުން ނުހިފި ދިޔައީ،" ބޯލް ބުންޏެވެ.

ރޭގެ މެޗަކީ ޖަނޫޒަޖް ޔުނައިޓެޑްގެ ފުރަތަމަ 11ގައި ހިމެނުނު ފުރަތަމަ މެޗެވެ. އޭނާ އެޓީމަށް ފުރަތަމަ މެޗެއް ކުޅުނީ ކޮމިއުނިޓީ ޝީލްޑް މެޗުގައި ވިގަންއާ ދެކޮޅަށެވެ. އަދި ފުރަތަމަ ލީގު މެޗު ކުޅުނީ، 14 ސެޕްޓެމްބަރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.