06 Oct 2013, 11:49
މި މަހުގެ 13ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި، އެދުވަހުގެ ބަދަލުގައި 2013 ނޮވެމްބަރު 23ވާ ހޮނިހިރު ދުވަހަކީ، އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އޮކްޓޯބަރު މަހުގެ 13ވާ އާދީއްތަ ދުވަހު އޮފީސްތައް ހުޅުވޭގޮތަށް އޮވެއްޖެ ނަމަ، އަޟްޙާ ޢީދާ ގުޅިގެން ޗުއްޓީގަޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށްދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، މެދުކެނޑުމެއް ނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކަ އެވެ.
މިގޮތަށް ހަމަޖެއްސެވުމުން، އަޟުޙާ ޢީދުގެ ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އޮކްޓޯބަރު މަހުގެ 20ވާ އާދީއްތަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.