ރައްޔިތުންގެ މަޖުލީހުން ރުހުން ނުލިބުނު ވަޒީރުން މަގާމުން ވަކިވުމުގެ މައްސަލައިގައި ބޭނުން ވަނީ ގާނޫނީ ޖަވާބެއްކަމަށާއި އެޖަވާބު ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ ކެބިނެޓްގެ މައްސަލަ ނިމުމުން ލިބިގެންދާނެ ކަމަށް އެޓާނީޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.


"ޑިޑް ޔޫ ނޯ" ކެމްޕެއިން ރަސްމީގޮތުން އިފްތިތާހު ކުރުމަށް މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖުލީހުން ރުހުން ލިބިވަޑައިނުގެން ހުންނެވި އެޓާނީ ޖެނެރަލް ޑރ. ސަވާދު ވިދާޅުވީ، ބައެއް ވަޒީރުންނަށް ރުހުން ނުލިބުމުން މިހާރު އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ މަގާމަކަށް އިސްކޮށްފައިވާ މީހަކު މަގާމުން ވަކިކުރެވޭނީ ކިހިނެތްތޯ އުފެދޭ ސުވާލު ކަމަށާއި އެ ސުވާލަށް ބޭނުން ވަނީ ސިޔާސީ ޖަވާބެއް ނޫން ކަމަށާއި އެ ސުވާލަށް ބޭނުން ވަނީ ގާނޫނީ ޖަވާބެއް ކަމަށެވެ.


"މަޖުލީހުން ރުހުން ނުދެއްވިކަން ވަރަށް ސާފުކޮށް އެބަ އެނގޭ. ރައީސުލްޖުމްހޫރިއްޔާ މަގާމަކަށް އައްޔަން ކުރަށްވާފައިވާ ފަރާތެއް މަގާމަކުން ވަކިކުރެވޭނީ ކިހިނަކުންތޯ، އަޅުގަނޑަށް ހީވަނީ މި އުފެދެނީ ގާނޫނީ ސުވާލެއްހެން....އަޅުގަނޑަށް ހީވަނީ ސުޕްރީމް ކޯޓް މެދުވެރިކޮށް މިއަށް ގާނޫނީ ޖަވާބެއް ލިބުމަކީ އެންމެ އެކަށީގެންވާ ކަމެއްހެން. އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި މިކަން މިހާރު މިއޮތް ގޮތަކީ އެއްވެސް ދުސްތޫރީ ނިޒާމެއްގައި މިކަން ކަނޑައެޅިފައި އޮތް ގޮތަކަށް ނޫން. އަޅުގަނޑުމެންގެ ގާނޫނު އަސާސީގެ އަސާސީ ސިފަޔެއް ދުސްތޫރި ސިޔާދަތަކީ. މިކަން ހައްލު ކުރުމަށް ޓަކައި ގާނޫނީ ޖަވާބެއް ހަމަ ބޭނުން ވަނީ،" ޑރ. ސަވާދު ވިދާޅުވި އެވެ.


މި މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މީހެއްގެ މައްޗަށް ކަނޑައެޅި މަރު ހިފުމުގެ ނިޔާ އަށް އިޝާރާތްކުރައްވަމުން ޑރ. ސަވާދު ވިދާޅުވީ އެކަމުގައި ގިރާކުރަން ޖެހޭ ގާނޫނީ ހަރުފަތްތަކެއް އެބަހުރި ކަމަށާއި އެ ހުރިހާ ހަރުފަތެއް ގިރާކުރުމަށް ފަހުގައި މެނުވީ އެ ހުކުމް ތަންފީޒޫ ކުރުމާ މެދު ގޮތެއް ކަޑަނޑނޭޅޭނެ ކަމަށެވެ.


"ވިކްޓިމްސްގެ ފެމެލީގެ ހައްގުތަކެއް އެބަވޭ. އެ ހައްގުތަކުގެ ބޭނުން އެބޭފުޅުން ހިއްޕަވަނީ ކިހިނެތް ތޯ،  މިއީ ވެސް ރިއާޔަތް ކުރަން ޖެހޭ ކަމެއް. އަޅުގަނޑު މިދެކެނީ މިއީ ގާނޫނީ ގޮތުން އިތުރަށް ބަލަން ޖެހޭ މައްސަލައެއް ކަމަށް. ވަކި ގޮތަކަށް ވަކިކަމެއް ކުރަން ކަނޑައެޅިފައި އޮއްވައި އެ މަރުހަލާތައް ކަޑައްތުކޮށް ނިމެންދެން އަޅުގަނޑުމެން ކެތްތެރިކަމާ އެކު މަޑުކުރަން ޖެހޭނީ." ޑރ. ސަވާދު ވިދާޅުވި އެވެ.