14:30


ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީ ތަކުގައި ރަޖިސްޓްރީ ކުރާ މައްސަލަތައް ރަސްމީކޮށް މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށާއި އަދިވެސް އެފަދަ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެ އެވެ.


އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ނޭނގި އެހެން ޕާޓީ ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ، ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތް ތަކުން އެ ކޮމިޝަނަށް އަދިވެސް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ރަސްމީކޮށް އެ ކޮމިޝަނަން ހުށަހަޅާފައި ނުވުމުން އެ މައްސަލަތައް ދިމާވާ ސިޔާސީ ޕާޓީތަކުގެ މެންބަރުނަކީ ކޮބައިކަން ދެނަގަތުމަށް ދަތިވަމުންދާ ކަމަށާއި އެ މައްސަލަތައް ބެލުމަށް ކޮމިޝަނަން ލިބެންޖެހޭ ހެކި ހޯދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.


ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ނޭނގި އެހެން ސިޔާސީ ޕާޓީ ތަކުގައި ރަޖިސްޓްރީ ކުރާ މައްސަލަ ހުއްޓުވުމަށްޓައި އިލެކްޝަން ކޮމިޝަނުން ވަނީ އާ ފޯމެއް ތައްޔާރުކޮށް، އެ ފޯމުތަކަށް ސިޔާސީ ފާޓީތަކަށް ފޮނުވައި އަންނަ މަހުން ފެށިގެން އެ ފޯމަށް އަމަލް ކުރުމަށް ސިޔާސީ ޕާޓީތަކަށް އަންގާފަ އެވެ.