06 Oct 2013, 11:44
އިތުރު ގަޑި ނުލިޔެ އިތުރު ގަޑީގެ ފައިސާ ފުލްކޮށް ނަގާފައިވާ ކަމުގެ މައްސަލައެއްގައި އަޕާ ސައުތު ޔުޓިލިޓީޒް ގދ. ފަރެސްމާތޮޑާ ބްރާންޗުގެ ކުރީގެ މެނޭޖަރާއި އެސިސްޓަންޓް މެނޭޖަރުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.
ގދ. ފަރެސްމާތޮޑާ ޔުޓިލިޓީޒްގެ މެނޭޖަރު ކަމުގައި 2010 ވަނަ އަހަރު ހުރި އެ ރަށު އޭޕްރީލްގެ މުހައްމަދު ޖާއިޒުގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވައިފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު ގަޑި ނުލިޔެ، ފުލްކޮށް އިތުރުގަޑީގެ ފައިސާ ނަގާފައިވާތީ އާއި ދަންވަރު ދޭކުން ހަތަރަކަށް އިތުރު ގަޑީގެ މަސައްކަތް ކުރި ކަމަށް ލިޔެ ފައިސާ ނަގާފައި ވާތީ އާއި އެ އަހަރުގެ ޖޫން މަހާއި ޖުލައި މަހުގެ އިތުރު ގަޑީގައި ހަނދާން ނެތިގެން ކަމަށް ލިޔެ އިތުރު ގަޑީގެ ފައިސާ ފުލްކޮށް ނަގާފައިވާތީ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އެގޮތުން ޖާއިޒު ވަނީ އިތުރު ގަޑި ނޯޓުކުރާ ފޮތުގައި ނޯޓުކޮށްފައިވާ ވަރަށް ވުރެ އިތުރަށް 2413.64 ރުފިޔާ އިތުރަށް ހޯދައިފަ އެވެ. އަދި އިތުރު ގަޑި ލިޔަންޖެހޭކަން ނޭނގޭ ކަމަށް ބުނެ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ އެކަކުން 24 އަށް 23 ގަޑިއިރު ވޯކިން އަދި 20 ގަޑި އިރު ބަންދު ކަމަށް ނޯޓުކުރާ ފޮތުގައި ޖުމްލަކޮށް ލިޔެފައިވާއިރު ވެސް އިތުރަށް އިތުރުގަޑީގެ ފައިސާ ނަގާފަ އެވެ.
އޭސީސީން ބުނީ އެ ބުރާންޗުގެ މުވައްޒަފުންނަށް 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި އިތުރުގަޑީގެ މަސައްކަތް ނޯޓުކުރުމަށް އޮންނަ ފޮތުގައި ނޯޓުކުރި ވަރަށް ވުރެ 358 ގަޑިއިރަށް ވުރެ އިތުރަށް ފައިސާ ދީފައިވާކަން ވެސް ކޮމިޝަންގެ ތަހުގީގަށް އިނގިފައިވާ ކަމަށެވެ.
މީގެ އިތުރުން އެމުއްދަތުގައި ޖާއިޒު އެބުރާންޗުގެ މުވައްޒަފުންގެ އިތުރު ގަޑީގެ މަސައްކަތަށް ހުއްދަ ދިންކަމާއި އިތުރު ގަޑީގެ ފައިސާ ދިނުމަށް ޓަކައި ތައްޔާރުކުރާ ޝީޓުތައް ވެސް އެ މުއްދަތުގައި ޗެކްކުރި ކަމާއި ޗެކްކުރި ފަރާތެއްގެ ގޮތުގައި ކުރާ ސޮޔަކީ ހުއްދަ ދިނުމުގެ ގޮތުން ކުރާ ސޮޔެއްކަމަށް އެއްބަސްވެފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ. އަދި އެކަންތައްތައް މުވައްޒަފުންގެ ފަރާތުންނާއި ހެކިންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން ސާބިވާން އެބަހުރިކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.
އެ މައްސަލާގައި އެ ޔުޓިލިޓީޒްގެ ކުރީގެ އެސިސްޓަންޓް މެނާޖަރު ކަމުގައި ހުރި އެރަށު މީނާޒް، މުހައްމަދު ސައުދުގެ މައްޗަށް ވެސްވަނީ ދައުވާކުރަން ޕީޖީ އަށް ފޮނުވާފަ އެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ އެވެ.