06 Oct 2013, 11:39
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ހަވާލުކުރި ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން އުވާލައި، ދެވަނަ އަށް ކުރިމަތިލި ކުންފުންޏާ ހަވާލުކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރި ޑްރެޖިން އިންޓަނޭޝަނަލް އިން އެޕްރޮޖެކްޓަށް ހޯދަން ޖެހޭ ފައިސާ ކަނޑައަޅާފައިވާ ތާރީހަށް ހޯދާފައި ނުވާ ކަމަށެވެ. އެހެންވެ އެ މަސައްކަތަށް ބިޑް ހުށައެޅި ކުންފުނިތަކުގެ ތެރެއިން ދެވަނައަށް ދިޔަ ބެލްޖިއަމްގެ ޔެން ޑި ނަލް ކުންފުންޏަށް މަސައްކަތް އެވޯޑް ކުރިކަމުގެ ސިޓީ މިހާރު ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މިހާރު ދަނީ އެކުންފުނިން އެކަން ގަބޫލުކުރި ކަން ލިއުމުން އަންގާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ،" އެ ބަޔާނުގައިވެ އެވެ.
އެޗްޑީސީން ކުރިން ބުނެފައި ވަނީ ތިލަފުށި އަދި ގުޅީފަޅުގެ ސަރަހައްދުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ބޭނުންވާ ވެލި ލިބޭތޯ ބެލުމަށް ކުރި ދިރާސާގެ ނަތީޖާ އިން އެނގިފައި ވަނީ އެ ސަރަހައްދުގައި އެކަމަށް އެކަށީގެންވާ ވެލި ނެތް ކަމަށެވެ. ނަމަވެސް ވެލި ލިބޭތޯ ބެލުމަށް ކަނޑައެޅި ދެ ވަނަ ސަރައްދުގައި ވެލި ހުރިތޯ ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދެވަނަ ފިޔަވަހި ހިއްކުމަށް އެވޯޑްކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލްއާ އެކު ސޮއިކުރުމަށް ކަނޑައަޅާފައިވާ ޑެޑްލައިން ހަމަވެފައިވީ ނަމަވެސް އެޗްޑީސީން ބުނެފައި ވަނީ އެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރެވެން އަންނަނީ ވެލި ހޯދުމަށް ކުރަމުން އަންނަ ދިރާސާ އަށް ފަހު ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗްޑީސީން ޑްރެޖިން ކުންފުންޏަށް ހަވާލުކޮށްފައި ވަނީ 59 މިލިއަން ޑޮލަރަށެވެ. އަދި އެ މަޝްރޫއުގެ ދަށުން 240 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ތޮށިލާ ނިންމަން ޖެހޭ ކަމަށް އެއްބަސްވުމުގައިވެ އެވެ.