ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންގާރަ ދުވަހަށް ޝެޑިއުލް ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ މައްސަލަ ޝެޑިއުލް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު 2:00 އަށެވެ.

އެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ތިން ކަމަކަށް ވަނީ އެދިފަ އެވެ. އެގޮތުން ވޯޓު ކަރުދާސްތައް ޗާޕް ކުރާ ހިސާބުން ފެށިގެން ވޯޓު ފޮށިތަކާ ހަމައަށް ގެންދާ އިރު ގައްޔާއި އަދި ވޯޓުލާ ނިމިގެން އިލެކްޝަންސް ކޮމިޝަނަށް ވޯޓު ކަރުދާސްތައް ގެންދާ އިރު ސަލާމަތާއި ރައްކާތެރިކަމާ އެކު އެކަން ކުރުމަށާއި އެކަމުގައި އެއްވެސް ކަހަލަ މަކަރާއި ހީލަތެއް ހެދިގެން ނުވާނެކަން ކަށަވަރު ކުރުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ވެސް އެ ޕާޓީން ވަނީ އެދިފަ އެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން ވޯޓުލާ މީހުންގެ ލިސްޓުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ދެ ހަފްތާގެ މުއްދަތެއް ދޭން ޖެހޭނެ ކަމަށް ލާޒިމްކޮށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް ވަނީ އެ ޕާޓީން ވަނީ އެދިފަ އެވެ.

ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ ނަމާއި ސޮއި އަދި އިނގިލީގެ ނިޝާން ޖެހުމަކީ ލާޒިމްކަމެއް ކަމަށް ކަނޑައަޅައި ކޯޓު އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ޕާޓީގެ ގާނޫނީ ވަކީލު އަހްމަދު ޒަނީން އާދަމް ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓުގައި 18 އަހަރުން ދަށުގެ ކުދީންގެ ނަން ހުރިކަށާއި އަދި 18 އަހަރު ނުފުރެނީސް އުފަންތާރީޚު ބަދަލުކޮށް އުމުރު ހަމަވިކަމަށް ލިސްޓުގައި ނަން ހިމަނާފައިވާކަން ކަށަވަރުވާ ކަމަށެވެ.

އެގޮތަށް އަމަލުކޮށްފައި ވަނީ ގަސްދުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަން ފުރަތަމަ ބުރުގެ ކަންތައް ހިނގާފައިވާ ގޮތުން ގަބޫލު ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވުމުގެ ކުރިން ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޯޓުން ކުރި ހުކުމްގައި ކަނޑައަޅާފައިވާ ގައިޑުލައިންތަކާ އިލެކްޝަންސް ކޮމިޝަނުން ޚިލާފުވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަކީލު ހުސައިން ސިރާޖު ވިދާޅުވެފައި ވަނީ އިންތިޚާބު ބޭއްވުމުގެ ކުރިން ވަކި މުއްދަތެއްގެ ތެރޭގައި ކަންތައްތަކެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގާނޫނު ލާޒިމް ކުރާ ކަމަށެވެ.

މިހާރު ގާނޫނީ އޮނިގަނޑު އޮތްގޮތުން ޕީޕީއެމްގެ ފަރާތުން އެދިފައިވާ އަމުރުތަކަކީ ނެރެވިދާނެ އަމުރުތަކެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.