06 Oct 2013, 10:48
އެއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިނެއްވީ ބުރާސްފަތި ދުވަހެވެ. އެދުވަހުގެ ފަތިހުގެ ވަގުތުގައި ސްރީލަންކާގެ ޓެރަރިސްޓުންގެ ބަޔަކު ގޮވައިގެން އައި ދިވެހިންގެ ބަޔަކު މާލެ އަރައި ހަމަލާދިނެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް ދިން އެހަމަލާތަނުގައި 19 ދިވެހިން ޝަހީދުކޮށް އެތައް ދިވެހިންނެއް ޒަހަމްކޮށްލި އެވެ. މުޅި ރާއްޖެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި އެވެ. މިއީ ރާއްޖޭގެ ފަހުގެ ތާރީހުގައި އޮތް ކަޅު ސަފުހާއެކެވެ.
ރާއްޖޭގެ ތާރީހުގެ ފަތްފުއްތައް ހުޅުވައިލުމުން މިފަދަ ކިތަންމެ އަނދިރި ހާދިސާތަކެއް ފެނެ އެވެ. ޕޯޗުކީޒުންނާއި މަލާބާރީން ރާއްޖެ އަޅުވެތި ކުރި އެވެ. އެވެރިން ރާއްޖޭގައި ވެރިކަން ކޮށްފައި ވަނީ އިންތިހާއަށް އަނިޔާވެރިކޮށެވެ. އެއިގެން ކޮންމެ ފަހަރެއްގައި ވެސް އެކަމުގެ މުގުލުގައި ތިބީ ދިވެހިން ކަން އެގެން އޮންނާތީ ތާރީހުގެ ވާހަކަ ދައްކަން ލަދުވެތިވާހައި ވެއެވެ. އެއީ ހިތާމައެކެވެ.
އެފަދަ ދިވެހިން އަދުވެސް ތިބި ކަމީ އަދި ވަކިން ބޮޑު ހިތާމަ ލިބޭ ކަމެކެވެ. އުނދަގޫ ކޮންމެ ވަގުތެއްގައި އެމީހުން އެބަ ފާޅުވެ އެވެ. ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ހާރިޖީ ވަޒީރުކަން ކުރެއްވާފައިވާ އަދި މިހާރު އދ. އިން އިރާނަށް ކަނޑައަޅުއްވާފައިވާ ހާއްސަ ރެޕަޓުއާގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދަކީ އެފަދަ ދިވެއްސެއް ކަމަށް ނުބުނެވޭނެތޯ އެވެ؟
"ކޮމަންވެލްތުން ރާއްޖެ ސަސްބެންޑްކޮށް، ދިވެހި ރާއްޖޭގެ މައްޗަށް އިންޑިއާއިން (R2P){ދަތިކުރުމުގެ ފިޔަވަޅުތަކުން ފަށައިގެން އަސްކަރީ ހަމަލާ އެ ގައުމަކާ ދެކޮޅަށް ހިންގަން ޖެހޭ" ސޯޝަލް މީޑިއާ ޓްވިޓާގައި އޭނާ މިހެން ވިދާޅުވެފައި އެބަވެ އެވެ.
އޭނާ ހަމަ ފާޅުގައި ގޮވައިލައްވާފައި ވަނީ "އިންޑިއާ ސިފައިން ރާއްޖެ އަރައިގަނެ" ވެރިކަމާ ހަވާލުވުމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ލަސްކުރުމަށް ސުޕްރީމްކޯޓުން ކުރި އަމުރާ އެކު އުފެދުނު "ޖަޒުބާތީ އޮއިވަރުގައި ވިދާޅުވި ވިދާޅުވުމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް އެއީ އާދައިގެ ގޮވެއްޔެއް ނޫނެވެ. އެއީ ކުޑަކަމަކަށް ހަދައި ނިންމާލެވޭނެ ކަމެއްވެސް ނޫނެވެ. އެގޮވެލީގެ ފަހަތުގައި ގައުމަށް ހުރި އެތައް ނުރައްކަލެއް އެކުލެވިފައި ވުން ދުރެއް ނޫނެވެ.
"ހަގީގަތުގައި އެހެން ގައުމެއްގެ ސިފައިން ރާއްޖެ އަށް އައުމަށް ގޮވުމަކީ ވަރަށް ނުރައްކާކަމެއް. ހާއްސަކޮށް ގައުމު މިހާލަތުގައި އޮށްވައި ހެޔޮ ނުވާނެ އެހެން ވިދާޅުވާކަށް. އަޅުވެތިވުމަށް އަހަރެމެން އަމިއްލަ އަށް ކޮށާ ދެވޭ މަގެއް އެއީ،" ވިހި އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި އަސްކަރިއްޔާއަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
މިއަދު މިގައުމުގެ ހާލަތުން ކޮންމެ ފަދަ ޖަރީމާއެއްގައި ވެސް "ސިޔާސީ ޖަޒުބާތުގައި" ބައިވެރިވާނެ މީހުން އެބަތިއްބެވި އެވެ. އެއީ ބޮޑެތި ކަންތައްތަކަށް ވަގުތީ ހައްލު ހޯއްދަވާ ބޭފުޅުންނެވެ. ދުރަށް ވިސްނާވަޑައި ނުގަންނަވާ ބޭފުޅުންނެވެ. ރާއްޖެ އަށް ބޭރު ޤައުމުތަކުގެ ސިފައިން އަރަން ނުވަތަ ދިވެހި ދައުލަތާ ތޮޅެން ގޮވާލުމަކީ އެކަމުގެ ހެއްކެކެވެ. ގައުމުގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދޭ ކޮންމެ ވަގުތަކީ، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނާނެ އެތައް ދޮރެއް ހުޅުވޭ ވަގުތެކެވެ. އެއީ ގައުމު އެމީހުންގެ މުށުތެރެއަށް ލާންލިބޭ ފުރުސަތުތަކެކެވެ. ދިވެހި ތާރީހު އެކަމަށް އެކި ދެއެވެ.
"މި ގައުމަކީ ވަކި މީހެއްގެ ނޫނީ ވަކި ބައެއްގެ ގައުމެއް ނޫން. މިއީ، އަޅުގަނޑުމެން އެންމެންގެ ގައުމު. ލިބޭ ކޮންމެ ގެއްލުމަކީ އެންމެންނަށް ލިބޭ ގެއްލުން. މިވަގުތު ހާއްސަކޮށް، މިކަމަށް ސަމާލުވުމަކީ، ގައުމުގެ މިނިވަންކަމާއި ސުލްހަ ދެމެހެއްޓުމަށް ޓަކައި އެންމެ މުހިންމު ކަންތައް،" ގައުމާ މުހާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވިއެވެ.
ގައުމުގެ ދާހިލީ ކަންކަމާއި ބެހޭ ކަމީ ނުވަތަ ގައުމު ބަޔެއްގެ އަތްދަށަށް ލާން މަސައްކަތް ކުރާކަމީ ތާރީހު ހެކިދޭ ކަންކަމެވެ. މިހާރު ވެސް އެކަން ހަމަ ހިނގަ އެވެ. ސިޔާސީ މަޝްރަހު ހޫނުވާ ކޮންމެ ހިދެއްގައި އެފަރާތްތަކުގެ އަތް ގަދަކުރަން މަސައްކަތް ކުރެ އެވެ. ބައެއް ފަހަރު އެގައުމެއްގެ ހައި ކޮމިޝަނަށް ވައްދައިގެން ހިމާޔަތްދޭ އިރު އަނެއް ބައިފަހަރު އެތެރެއިންނާއި ބޭރުން އެތައް ގޮތަކުން ކުޅެ އެވެ. އަވައްޓެރި ގައުމުތަކުން ފެށިގެން އެކި ބައްރުތަކުގެ ގައުމުތަކުން ވެސް ދަނީ މިބުނާ ނުފޫޒްތައް ފޯރުވަން މަސައްކަތް ކުރަމުންނެވެ.
މިއީ ކުޑަގައުމެކެވެ. މުއްސަންޖެއް ވެސް ނޫނެވެ. ނަމަވެސް އެހެން ގައުމުތަކުން މިތަނަށް ވެރިވާން ބޭނުންވާ ސަބަބުތައް ގިނަ އެވެ. އޭގެ ތެރޭގައި މިއީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވުމާއި މާތްﷲ ގެ އިރާދަފުޅުން މިގައުމަށް ދެއްވާފައިވާ ގުދުރަތީ ވަސީލަތްތައް ހިމެނެ އެވެ. އެގޮތުން ޓޫރިޒަމް އާއި މަސްވެރިކަމާއި މިގައުމުގެ ގުދުރަތީ ރީތި ކަމީ ބައެއް ގައުމުތަކަށް ހަޖަމް ކޮށްލެވޭވަރު ކަންކަމެއް ނޫނެވެ. މިތަން މިއޮތީ ވެސް ކަނޑުމަގުން ގިނަ ދަތުރުތަކެއްކުރާ މަގެއްގަ އެވެ. މިއީ އޭޝިއާގައި ވެރިކަން ކުރަން އުޅޭ ގައުމުތަކަށް މިތަން މުހިންމުވާ ބައެއް ސަބަބެވެ.
އެމްޑީޕީގެ ސުޕޯކްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވީ ޑރ. ޝަހީދު ކުރެއްވި "ޕާސަނަލް ޓުވީތަކަށް" ވަކި ކޮމެންޓެއް އެ ޕާޓީ އިން ކުރަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އިންތި ވިދާޅުވީ ޑރ. ޝަހީދު އަކީ އދ. ގެ ވަޒީފާއެއް އަދާކުރަމުންދާ ބޭފުޅަކަށް ވުމުން އެބޭފުޅާ އަށް ވަރަށް ގިނަކަންކަން އެނގި ވަޑައިގަންނަވާނެ ކަމަށާއި އެގޮތުން ޑރ. ޝަހީދު އެގޮތަށް ވިދާޅުވާނީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވުމުންކަމަށެވެ.
އަމިއްލަ ގައުމަށް އެހެން ގައުމުތަކުގެ ސިފައިން އަރުވަން ގޮވާއިރު ތާރީހުން އިބުރަތެއް ލިބިގަތުން މުހިއްމެވެ. ޕޯޗްގީޒުންގެ 17 އަހަރު ދިވެހިން އުޅުނު ހާލު އެނގެން ޖެހެ އެވެ. ހޮޅިން އައިމާ ވީގޮތް ވެސް އެއީ ވިސްނަން ޖެހޭ ކަމެކެވެ. އެމީހުން ދިވެހި ފިރިހެނުން ކަތިލި އެވެ. އަނބިދަރިންގެ އިއްފަތްތައް ފޭރުނެވެ. އެމީހުން ގެނައި ތަރައްގީއެއް ނެތެވެ.
ބޭރުގެ ބާރުތަކުން އެބުނާ ހިމާޔަތް ދޭ ގައުމުތަކުގެ ހާލަތަކީ ކޮބާތޯ އެވެ؟ އިރާގަށް އެމެރިކާއިން އެރީ ސައްދާމް ހުސެއިންގެ އަނިޔާވެރިކަމުން އެގައުމު ސަލާމަތް ކުރަން ކަމަށް ބުނެ އެގައުމުގެ ރައްޔިތުން ގުނބޯހައްދާފަ އެވެ. އެމެރިކާއިން އަފުގާނިސްތާއަށް ވެސް އެރީ އެގޮތަށެވެ. ފަލަސްތީނަށް އިސްރާއިލްއިން އަރަންވެސް ހަމަ އެޑުރާމާ ކުޅުނެވެ. އަދި މިއަދު އިސްލާމީ ގައުމުތަކުގައި ހިންގާ ހަމަނުޖެހުންތަކަކީ ވެސް އެ ތަމްސީލްގެ ދަށުން ހިނގާ ޖަރީމާތަކެވެ. އެހުރިހާ ގައުމުތަކުގެ ހާލު ސިފަކޮށްލާށެވެ. ދެން އެއަށް ފަހު އެބުނާ ބޭރުގެ ސިފައިން އެރުވުމާއި މެދު އަމިއްލެއަށް ގޮތެއް ވިސްނާލާށެވެ.
ބޭރުގެ ފަރާތްތަކުން ގައުމަކަށް އެރުމުގެ ފުރުސަތު އެއިރު އޮންނަ ދައުލަތަކުން ވެސް އަދި ސިޔާސީ ޕާޓީތަކުން ވެސް ދީގެން ނުވާނެ އެވެ. އަދި އެފަދަ ވިސްނުންތަކާއި ރައްޔިތުން ދުރުކުރުމަށް އެކަށިގެންވާ ފިޔަވަޅުތަކެއް ވެސް އަޅަންޖެހެ އެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް އަނިޔާވެރިނުވުމާއި ޝަރީއަތާއި އެހެނިހެން ކަންތައްތަކުގައި ރައްޔިތުން ތަފާތު ނުކުރުން މުހިންމެވެ. އެއީ ގައުމަށް ހަމަޖެހުންގެނެސް ގައުމާއި ދޭތެރޭ ރައްޔިތުންގެ އިތުބާރާއި ލޯބި ދެމެހެއްޓުމަށްޓަކަ އެވެ.
މީލާދީން 1551 ވަނަ އަހަރު ރާއްޖޭގެ ކޮއިލު ތެރޭގައި ހިނގި ހަމަނުޖެހުންތަކާ އެކު ދިވެހިން އިސްވެތިބެ އިންޑިއާގެ ތިބި ޕޯޗުގީޒުން ރާއްޖެ އެރުވި ތާރީހު އިޔާދަވާކަށް ދިވެހިންނެއް ނޭދެ އެވެ. ސަބަބަކީ އެބުނާ ހިމާޔަތް ދެނީ ބަޑީގެ ވަޒަންތަކުން ހަށިގަނޑުގެ އެކިއެކި ހިސާބުތަކަށެވެ. ފޭރެމުންދަނީ އިއްފަތްތަކެވެ. އަތް ގަދަ ކޮށްލާނީ ދިވެހި ވަންތަކަމަށެވެ. އެފަދަ ހިމާޔަތައް ދިވެހި ދަރިއެއްގެ ހައިސިއްޔަތު އަހަރެން ހޯހޯ އެވެ. އަމިއްލެއަށް އަޅުވެތިވުމަށް ގޮވާ އެކަމަށް ހިތްވަރު ދޭއިރު ތާރީހަށް ބަލާލުން މުހިންމެވެ.