ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ގާއިމް ކުރުމަށް މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު މަސައްކަތް ކުރައްވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރުތައް ޝާހީން ދޮގުކުރައްވައިފި އެވެ.

ޝާހީން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އޭނާއާ ބެހޭ ގޮތުން ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގުވާހަކަތަކެއް ކަމަށެވެ.

ޝާހީން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ކަމެއްގައި އެއްވެސް ސިފައެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން ހިނގަމުންދާ ކަމެއްގައި އެއްވެސް ގޮތަކަށް އޭނާ ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށާއި ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އެއްވެސް މަސައްކަތެއް ކުރުމަކީ އެއްވެސް ސިފައެއްގައި އޭނާ އެކަމުގައި ބައިވެރިވާނެ ކަމެއް ނޫން ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

ރިޔާސީ އިންތިކާބާ ގުޅޭ ގޮތުން ސިޔާސީ ފަރާތްތަކުގެ މެދުގައި ހިނގަމުންދާ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް އަރުވާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި އޭނާއާ ގުޅޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ގަސްދުގައި ފެތުރުމުގެ ބޭނުމަކީ މި މުޖުތަމައުގައި އޭނާއާ މެދު ނަފްރަތު އުފައްދައި ނަން ކިލަނބުކޮށްލުން ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ.