06 Oct 2013, 10:22
އދ. ފެންފުށީގައި ރޭ ދެ ތަނެއްގައި ރޯކޮށްލައިފި އެވެ.
ފެންފުށީ ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވީ ފުރަތަމަ ހުޅުޖެހީ ރަށުގެ އިރުމަތީ ފަރާތުގައި އޮތް ކުރިން ކުނި އެޅި ތަނުގައި ކަމަށެވެ. އެ ހުޅުގަނޑު ވަރަށް އަވަހަށް ނިއްވާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ކުރީގައި ކުނި އެޅި ސަރައްދު، ރަށުގެ އިރުމަތީ ކޮޅުގައި އޮންނަ ތަނެއް، އެތާގައި ފުރަތަމަ ރޯކޮށްލީ. ދެން އެތައް ނިއްވާލެވިއްޖެ ދެން ވަރަށް އަވަހަށް، ފުލުހުންނާ އާއްމުން ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯކުރި ބަޔަކު ދެވަނަ އަށް ރޯކޮށްލީ ތަންކޮޅެއް ކުރިން އަޅާފައި ހުރި ހަރުގެއެއްގައި ކަމަށެވެ. ރަށުގެ ބޯޅަ ދަނޑު ކައިރީގައި ހުރި އެތަން މުޅިން އަނދައި ހުލިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލިފާން ނިއްވާލެވުނު އިރު ހަރުގެ ވަނީ މުޅިން އަނދާފައި، އެތަނަކީ ވަރަށް ކުރިން އަޅާފައި ހުރި ތަނެއް، އެކަމަކު މިހާރު އެވަރުގެ ތަންކޮޅެއް ހަދަން ގާތްގަނޑަކަށް 25000 ރުފިޔާ ވަރު ހޭދަވާނެ،" ހުސައިން ވިދާޅުވި އެވެ.
ފެންފުށީގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ފެންފުށީގައި ރޭ ހިނގި އަލިފާނުގެ ފުރަތަމަ އެރަށުގެ އިރުމަތީ ފަރާތުގައި ކުނިތަކެއް އަޅާފައި ހުރި ތަނެއްގައި ރޭ 8.45 ހާއިރު ކަމަށެވެ. އެ އަލިފާން ގަނޑު ނިއްވާލީ އެ ރަށުގެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނާއި އާއްމުން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. ދެ ވަނަ ހާދިސާ ހިނގީ އެރަށު ބޯޅަދަނޑު ކައިރީގައި ހުރި އޮޑިހަރުގެއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮޑިހަރުގޭގައި ރޯވި އަލިފާން ނިއްވަން މަސައްކަތް ކުރި ނަމަވެސް އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފެންފުށީގައި ރޭހިނގި އެ ހާދިސާތަކާ ގުޅިގެން އަދި ރަށު ތެރޭގައި މާބޮޑު ނުތަނަވަސްކަމެއް ނެތް ކަމަށް ރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އަދި އެކަމާ ގުޅިގެން އިތުރު ކަމެއް ނުހިނގައި، ދެން މިރަށަކީ ފުލުހުން ތިބޭ ރަށެއް، ފުލުހުން އަންނަނީ އެކަންތައްތައް ތަހުގީގުކުރަމުން ކަމަށް އަޅުގަނޑު މެންނަށް މައުލޫމާތު ލިބިފައި ވަނީ." އޭނާ ވިދާޅުވި އެވެ.