06 Oct 2013, 10:09
އެޗްއާރްސީއެމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރޭ އެމްޑިޕީގެ މުޒާހަރާގައި ސުލްހަވެރި ނޫން ގޮތަށް ލަކުޑިބުރި ގެންގުޅެ ގާނޫނާ ހިލާފު އަމަލުތައް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެޗްއާރްސީއެމް އިން ބުނީ ސުލްހަވެރިކަމާ އެކު މުޒާހަރާކުރުމަށް ގޮވާލާ ކަމަށައި އެގޮތުން މުޒާހަރާ ކުރާ ފަރާތްތަކުން ވެސް އަދި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވެސް ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޖީސީއީ އޯލެވެލް ހަދާ ކުދިންނަށް ކިޔެވުމަށް ބޮޑެތިދަތިތަކެއް ކުރިމަތިވާތީ މުޒާހަރާ ކުރާ ފަރާތްތަކުން ދަރިވަރުންގެ އުނގެނުމުގެ ހައްގަށް ބުރުނާރާނޭގޮތަށް އަމަލުކުރުމަށް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
ރޭ މުޒާހަރާ އަށް އެއްވި މީހުން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ފުލުހުންނާ ކުރިމަތިލުމަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ. އެ މީހުންގެ އަތުލައި ލަކުނޑި ބުރި އާއި ގޭސް މާސްކާއި ހެލްމެޓު ވެސް ހުއްޓެވެ. އެ މީހުން ވަނީ ޗާންދަނީ މަގު، ދިރާގު ޓްރެފިކް ލައިޓް ކައިރީގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމަރާއަކަށް ލަޓިބުރިން ތަޅައި ހަލާކުކޮށްލާފަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފަރާތުން އަންނަނީ ސުޕްރީމް ކޯޓުގައި ޗެލެންޖު ކުރަމުންނެވެ.
އެ ޕާޓީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ވޯޓުލީ މީހުންނާއި ޝަރުތު ހަމާ މީހުންގެ ލިސްޓުގައި ބޮޑެތި ތަފާތުތަކެއް ހުރި ކަމަށް ބުނެ، އެ ލިސްޓް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުމުން ގަވާއިދު ތަން ނުދޭ ކަމަށް ބުނެ ލިސްޓް ނުދެއްކުމުންނެވެ. އަދި ހައި ކޯޓުގެ އަމުރުގައި ވޯޓު ލީ މީހުންގެ ލިސްޓް ސުޕްރީމް ކޯޓަށް ދެއްކުމަށް އަމުރު ކުރުމުން ވެސް މައުނަވީ ގޮތެއްގައި އެ ލިސްޓް ޖުމްހޫރީ ޕާޓީ އަށް ދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުތިރާޒުކޮށްފަ އެވެ.