26 Nov 2010, 11:10
ރާއްޖޭގައި ޗުއްޓީ ހޭދަކުރަނިކޮށް މިދިޔަ އޮގަސްޓް 27 ގައި މަރުވެފައި އޮއްވައި މޫދުން ފެނުނު އިނގިރޭސިވިލާތުގެ މަޝްހޫރު ޓްރާންސްޕްލާންޓް ސަރޖަން ޑރ. އަލީ ބަކްރަން މަރުވީ ގެނބިގެން ކަމަށް ވީ ނަމަވެސް، އޭނާ ގެނބެން މެދުވެރިވި އެއްވެސް ސަބަބެއް ހޯދިފައިނުވާ ކަމަށް އޭނާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދި ޑޮކްޓަރުންނާ ހަވާލާދީ އިނގިރޭސި މީޑިއާއިން ބުނެފި އެވެ.
އަންހެނުންނާއި ދަރިފުޅާއެކު އެކު ޗުއްޓީ ހޭދަކުރުމަށް އޯގަސްޓް 14 ވަނަ ދުވަހު މީދުއްޕަރު ރިސޯޓަށް ވަޑައިގެން އުޅުއްވަނިކޮށް އުމުރުން 61 އަހަރުގެ ޑޮކްޓަރު މަރުވެފައި އޮއްވައި ފެނުނީ، ފީނަން މޫދުގައި އުޅެނިކޮށް އެ ރިސޯޓު ފަޅުތެރެއިން ހެނދުނު 10:30 އެހާކަށްހާއިރު އެވެ. ނަމަވެސް، ޑރ. ބަކްރަން މަރުވީ ގެނބުމުގެ ކުރިން ކަމެއް ނުވަތަ ފަހުން ކަމެއް އޭނާގެ އާއިލާއަށް ނޭގޭތީ އެކަން ހޯދުމަށްޓަކައި ޑރ. ބަކްރަންގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހައްދައިފަ އެވެ.
ޑރ. ބަކްރަންގެ ޕޯސްޓްމޯޓަމް ހެދި އިނގިރޭސިވިލާތުގެ އެރޯ ޕާކު ހޮސްޕިޓަލުން ބުނަނީ، އޭނާ މަރުވީ މޫދަށް ގެނބިގެން ކަމަށެވެ. ނަމަވެސް، ގެނބުނު ސަބަބު ހޯދުމަށް ހޮސްޕިޓަލު ވަނީ ނުކުޅެދިފަ އެވެ.
އެ ހޮސްޕިޓަލުގެ ޕެތޯލޮޖިސްޓް ޑރ. ބްރަޔަން ރޮޖާސް ލިޕަޕޫލް ޑެއިލީ ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ޑރ. ބަކްރަން މޫދަށް ގެނބެން މެދުވެރިވާންވީ މެޑިކަލް ސަބަބެއް ނެތް ކަމަށެވެ. މަރުވިއިރު ޑރ. ބަކްރަން ހުންނެވީ ރަނގަޅު ސިއްހަތެއްގައި ކަމަށާއި އެއްވެސް ކަހަލަ އަނިޔާއެއްގެ ނިޝާނެއް އޭނާގެ ހަށިގަނޑުން ފެނިފައިނުވާ ކަމަށް ވެސް ޑރ. ބްރަޔަން ރޮޖާސް ވިދާޅުވެފައިވެ އެވެ.
ޑރ. ބަކްރަން ގެނބުނީ މޫދުގައި ފީނަނިކޮށް ސްޓްރޯކެއް ޖެހިގެން ކަމަށްވީ ކުރިން ހީކުރެވިފައިވާ ނަމަވެސް، އޭނާ އަށް ސްޓްރޯކެއް ޖެހުނު ކަމުގެ އަލަމާތެއް ވެސް ހަށިގަނޑުން ފެނިފައި ނުވާ ކަމަށް ޑރ. ބްރަޔަން ވިދާޅުވި އެވެ.
އެހެންކަމުން، ޑރ. ބަކްރަންގެ މަރު އޮތީ ސުވާލު މާކެއްގެ ތެރޭގައި ކަމަށް އިނގިރޭސި މީޑިއާއިން ސިފަކުރެ އެވެ. އެއީ ޑރ.ބަކްރަން އަކީ ކުރިއްސުރެއް ވެސް ފީނުމަށް ލޯބިކުރާ، ކުޅަދާނަ ފެތުންތެރިއަކަށްވާތީ އެއްވެސް ސަބަބެއް ނެތި އޭނާ ގެނބިގެން މަރުވެދާނެ ކަމާމެދު ސުވާލު އުފެދޭތީ އެވެ.
އިނގިރޭސި މީޑިއާގައި ބުނެފައިވާ ގޮތުގައި، އިންޑިއާ އަށް އުފަން ޑރ. ބަކްރަން އަކީ ވަރަށް ގިނަ ބަޔަކަށް އެހީތެރިވެދީފައިވާ ކުޅަދާނަ ޓްރާންސްޕްލާންޓް ސާޖަން އެކެވެ. ރޯޔަލް ލިވަޕޫލް ހޮސްޕިޓަލުގައި 20 އަހަރު މަސައްކަތް ކުރެއްވި ބަކްރަން އަކީ ލޭހޮޅި ރަނގަޅުކޮށް ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ކުރުމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅަދާނަ ޑޮކްޓަރެކެވެ.