މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ އަށް ޝެޑިއުލް ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ މައްސަލަ ޝެޑިއުލްކޮށްފައި ވަނީ މާދަމާ މެންދުރު 2:30 އަށެވެ.

އެ މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ފުރަތަމަ ބުރުގެ ވޯޓުލުމުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހުރިކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށް ޖުމްހޫރީ ޕާޓީ ހުށަހެޅި ހެކީންގެ ހެކިބަސްވެސް ސުޕްރީމް ކޯޓުން ވަނީ ނަގާފަ އެވެ. ހެކިބަސް ދެމުން ދެ މީހަކު ވަނީ 18 އަހަރު ނުފުރޭ ދެ ކުއްޖަކު ވޯޓުލާފައިވާ ކަމަށް ވެސް ބުނެފަ އެވެ.

އެ މައްސަލައިގެ ތެރެއަށް އެމްޑީޕީން ވެސް ތަދައްޚުލްވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަދެއްކި މައްސަލައެއްގައި އެ ޕާޓީގެ ދެ ވަކީލުން ސަސްޕެންޑު ކުރުމުން އެމްޑީޕީން ވަނީ އެ މައްސަލަ ދޫކޮށްލާފަ އެވެ.