ތޫނިސް (އޮކްޓޯބަރ 6): ތޫނިސް އަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމަށްޓަކައި މިހާރުގެ ސަރުކާރު އިސްތިއުފާދީ އައުދަސްތޫރު ތަސްދީގުކޮށް ވަކިފަރާތަކަށް ބުރަނުވާ ވަގުތީ ސަރުކާރެއްގެ ދަށުން އަވަސް އިންތިޚާބެއް ބޭއްވުމަށް އެގައުމުގެ ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތައް އުސޫލެއްގެ ގޮތުން އެއްބަސްވެއްޖެ އެވެ.

މިކަމާ ބެހޭ ލިޔުމެއްގައި ދެފަރާތުން ސޮއިކުރީ މިކަންކަމާބެހޭ ގޮތުން ތަފްސީލު ގޮތެއްގައި މަޝްވަރާކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ މަޝްވަރާތައް އިފްތިތާޙް ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ޖަލްސާއަށްފަހު އެވެ. ތޫނިސްގައި މިހާރު ވެރިކަންކުރާ އިސްލާމިކް ނަހްޟާ ޕާޓީގެ ސަރުކާރު އިސްތިއުފާ ދިނުމަށް ފަހު އައުދަސްތޫރު ތަސްދީގުކޮށް ވަކިފަރާތަކަށް ބުރަނުވާ ވަގުތީ ސަރުކާރެއް އެކުލަވާލައި އެސަރުކާރުގެ ބެލުމުގެ ދަށުން އަވަސް އިންތިޚާބެއް ބޭއްވުމާއި މިހުރިހާ ކަންތައްތަކެއްގެ ތާރީޚުތައް ކަނޑައަޅާނީ އިއްޔެ ފެށުނު ގައުމީ މަޝްވަރާތަކުންނެވެ.

މިމަޝްވަރާތައް ދެހަފްތާއެއްހާ ދުވަހަށް ކުރިޔަށްދާނެ ކަމަށް ބެލެވިފައިވާ އިރު މަޝްވަރާތަކަށް ފަހު މަހެއްހާ ދުވަހުގެ ތެރޭގައި ވަގުތީ ސަރުކާރު ވުޖޫދަށް ގެންނަންޖެހޭނެ ކަމަށް އިދިކޮޅު ފާރާތްތަކުން ބުނެއެވެ. ތޫނިސްގެ ސިޔާސީ މަސްރަހު ކިލަނބުވެ ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދުގައި އޮތް އިތުބާރު ގެއްލިގެން ގޮސްފައި ވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ސިޔާސީ ދެ ލީޑަރަކު މިއަހަރު ތެރޭގައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

އަވަހާރަކޮށްލެވުނު ސިޔާސީ ދެލީޑަރުން ވެސް ނިސްބަތްވަނީ ދީނާއި ސިޔާސަތު ވަކިކުރުމުގެ ފިކުރު ގެންގުޅޭ ލާދީނީ ނުވަތަ އިލްމާނީ ޕާޓީތަކަށެވެ. ތޫނިސްގައި ވެރިކަންކުރާ އިސްލާމިކް ނަހްޟާ މޫމެންޓް ޕާޓީއަކީ ދީނާއި ސިޔާސަތު ގުޅުވުމާއި އިސްލާމީ ޝަރީޢަތް ގާއިމްކުރުމުގެ އިސްލާމީ ފިކުރު ގެންގުޅޭ ސިޔާސީ ޕާޓީއެކެވެ. ސިޔާސީ މަޤްސަދެއްގައި ހިންގި ކަމަށް ބެލެވިފައިވާ މިދެ ޖަރީމާގެ ފަހަތުގައި ވަނީ ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށްނެރޭ ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ބައެއްކަމަށް ވަނީ ބެލެވިފަ އެވެ. މިމައްސަލާގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުމާގުޅިގެން ދެފަރާތުގެ އިތުބާރު ގެއްލިފައިވަނީ މިފަދަ ޖަރީމާތަކާ ކުރިމަތިލުމުގައާއި މިކަންކަން ހުއްޓުވުމުގައި ސަރުކާރު ފޭލްވެފައިވާ ކަމަށްބުނެ ސަރުކާރު އިސްތިއުފާ ދިނުމަށް އިދިކޮޅު ފަރާތްތަކުން ބޭނުންވާތީ އެވެ.

އެހެންކަމުން ނަހްޟާ ޕާޓީގެ ސަރުކާރު އިސްތިއުފާދީ ވަކިފަރާތަކަށް ނުޖެހޭ ސަރުކާރެއްގެ ބެލުމުގެ ދަށުން އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ވަރުގަދަ މުޒާހަރާތަކެއް އިދިކޮޅު ފާރާތްތަކުން ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. (އަލްޖަޒީރާ)