އެމްޑީޕީން ރޭ މާލޭގައި ކުރި މުޒާހަރާގައި ފުލުހުންނަށް ބިރުދެއްކުމަށްފަހު ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލި މީހަކު ހޯދަން ފުލުހުން ވީޑއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން އާންމުކުރި އެއްމިނެޓުގެ އެ ވީޑިއޯ އިން ޗާންދަނީމަގު ދިރާގު ޓްރެފިކް ލައިޓް ކައިރީގައި ފުލުހުން އަޅާފައިވާ ބެރިގޭޑްތައް ފޫއަޅުވާލުމަށްފަހު ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ލަޓިބުރިއެއް ހިފައިގެން މީހަކު ވަންނަ މަންޒަރު ފެނެއެވެ.

ފުލުހުންގެ ސެކިއުރިޓީ ލައިންގެ ތެރެއަށް އެމީހާ ވަދެގަތުމުން މުޒާހަރާގެ ބައިވެރީން ތިބޭ ސަރަހައްދަށް އެނބުރި ދިޔުމަށް ފުލުހަކު އޭނާ އަށް ނަސޭހަތްރިވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

ނަސޭހަތްތެރިވާން ފެށުމުން ފުލުސްމީހާއަށް ބިރުދެއްކުމަށްފަހު ލަޓިބުރިއެއް ބޭނުންކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެ ސަރަހައްދުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހެއްނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފުލުހުން ބުނީ އެ މީހާއާބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

:http://www.youtube.com/watch?v=QS2pB9sjYwM