މުޅި ރާއްޖޭގެ ހަމަޖެހުން އޮތީ ގާނޫނުގެ ހުކުމާއި ގާނޫނުގެ ބާރު ދަމަހައްޓައިގެން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ހެދިގޮނޑުދޮށުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ގާނޫނުގެ ހުކުމާއި ގާނޫނުގެ ބާރު ދަމަހައްޓައިގެން އިންސާފުވެރި އަދި ހާމަކަން ބޮޑުގޮތަކަށް އިންތިހާބު ބޭއްވެން ޖެހޭނެ ކަމަށެވެ.

"މުޅި ރާއްޖޭގައި ހަމަޖެހުން އޮތީ ގާނޫނުގެ ހުކުމް، ގާނޫނުގެ ބާރު ދަމަހައްޓައިގެން. އެހެން ވެގެން އެކަން ނުވާތީ އަޅުގަނޑުމެން މިކިޔަނީ ނިޒާމް ފެއިލް ވެއްޖެޔޭ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ވެއްޓުނު އިރުވެސް ގައުމުގައި އޮންނަ ނިޒާމް އޮތީ ފެއިލް ވެފަ ކަމަށެވެ. އަދި އިންތިހާބު ބޭއްވުނު އިރުވެސް ނިޒާމް އޮތީ ފެއިލް ވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދިވެހިރާއްޖެއަށް ރައީސަކު އިންތިހާބު ކުރަން ޖެހޭނީ ހާމަކަން ބޮޑު އިންސާފުވެރި އަދި އަދުލުވެރި އިންތިހާބަކުން ކަމަށެވެ. އަދި ހާމަކަން ބޮޑު ގޮތަކަށް އިންތިހާބު ބޭއްވުމަކީ ގާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކުރާ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ހަމައެއާއެކު މިރޭގެ ޖަލްސާ ނިންމާލަމުން ޔާމީން ވިދާޅުވީ ގާނޫނު ހިންގުމަށް ހުރަސް އަޅާފައިވާ މީހަކު ދެވަނަ ފަހަރު ވެރިކަމަށް އަތުވެއްޖެ ނަމަ ގާނޫނީ ހުކޫމަތް ދިވެހިރާއްޖޭގައި ދެން ހިންގާނީ ކިހާވަރަކަށްތޯ އެއީ ދިވެހިން ވިސްނާ ފިކުރު ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އަޅާފައިވާ މީހަކު ދެވަނަ ފަހަރު ވެރިކަމަށް އައިސްފިއްޔާ ގާނޫނީ ހުކޫމަތް ދިވެހިރާއްޖޭގައި ދެން ހިންގާނީ ކިހާވަރަކަށްތޯ އެއީ ދިވެހިން ވިސްނަންޖެހޭ ކަމެއް." ޔާމީން ވިދާޅުވި އެވެ.