މާލެތެރޭގައި އެމްޑީޕީން މިހާރު ކުރަމުން ގެންދާ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ބެލެވެން ނެތް ކަމަށް ބުނެ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން ބުނީ އެމްޑީޕީން މިހާރު ކުރިއަށް ގެންދާ މުޒާހަރާ މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރަމުން ގެންދާއިރު އޭގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން މޫނު ނިވާކުރުމަށް މާސްކު އަޅައިގެން ތިބިއިރު ބައެއް ބައިވެރިން ލަކުޑިބުރި އާއި މިރުސް ޕެކެޓް ފަދަ ތަކެތި ގެންގުޅޭ ކަމަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ފުލުހުން ބުނީ މުޒާހިރާގެ ބައިވެރިން ގެންދަނީ ތަކެއްޗަށް ގެއްލުންދީ ފުލުހުން ކަނޑައަޅާފައިވާ ސަލާމަތީ ސަރަޙައްދަށް ގަދަކަމުން ވަންނަން މަސައްކަތްކޮށް ފުލުހުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ޗާންދަނީ މަގު ސަރަހައްދުގައި މުޒާހަރާ ކުރަމުން ގެންދާ އެމްޑީޕީގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު ދިރާގު ލައިޓް ކައިރީގައި ހުރި ސީސީ ޓީވީ ކެމެރާއަށް އެއްޗެއް އެއްލައި ތަޅާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ސަރަހައްދުގެ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށް ކަނޑައަޅައި އެ ސަރަހައްދުގެ އެއްވުން ރޫޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުޒާހަރާގައި ޣައިރު ގާނޫނީ އަމަލު ހިންގާނަމަ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ.

އެމްޑީޕީން މިރޭ ސުނާމީ ބިނާ ސަރަހައްދުން ފެށި މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ގޮސް، ހަތަރު ސަރަހައްދަކަށް މުޒާހަރާގެ ބައިވެރިން ވަނީ ޖަމާވެފަ އެވެ.

މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރަމުންދަނީ ސަލާމަތީ ސަރަޙައްދު ތަކާއި ސުޕްރީމް ކޯޓު ހިމެނޭ ސަރަޙައްދަށް ވަނުމަށް ކަމަށާއި ނަމަވެސް ފުލުހުން އެސަރަޙައްދުތައް ބަންދުކޮށްފައި ވުމާއެކު އެސަރަޙައްދުތަކުން މުޒާހިރާގެ ބައިވެރިންނަށް ބައެއް ސަރަޙައްދުތަކުން މުޒާހިރާގެ ބައިވެރިން ގަދަކަމުން އެތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.