05 Oct 2013, 21:34
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމް ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޒާހިރު މިރޭ ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެނގިވަޑައިގެންނެވީ ބަލިވެގެން ކުއްލިއަކަށް ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ރޭ އެއާޕޯޓަށް ވެސް ވަޑައިގެންފަހުން ކަމަށެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ކުރި އަމުރަކާ ގުޅިގެން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާއާ ހަވާލާދެއްވާ އޭނާ ވިދާޅުވި އެވެ.
"ބަލިވެގެން ސިންގަޕޫރަށް ފުރަން ދިޔަ ފަހުން މި އެނގުނީ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ކަންވެސް. އިމިގްރޭޝަންގެ ކޮންޓްރޯލާއާ ވެސް އަޅުގަނޑު ގުޅިން. އޭނާ ވިދާޅުވީ ކޮންމެ ވެސް ރަށެެއްގެ މެޖިސްޓްރޭޓް ކޯޓަކުން އަންގައިގެނޭ ނަމަވެސް އެއީ ސީދާ ކޮން ރަށެއްގެ ކޯޓަކުން ކަން އެނގިވަޑައިނުގެންނަވާ ކަމަށް ވިދާޅުވި. އަދި ވިދާޅުވި ހުޅުވުނީމައި އިމިގްރޭޝަނަށް ދިއުމުން އެނގޭނެ ކަމަށް،"ޒާހިރު ވިދާޅުވި އެވެ.
އިމިގްރޭޝަނުން ޒާހިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު ޒާހިރު ވިދާޅުވީ އޭނާގެ އެއްވެސް މައްސަލައެއް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ކުރިއަށްދާކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ކޮންމެ މައްސަލައަކާ ގުޅިގެން ނަމަވެސް އޭނާއާ ޗިޓް ހަވާލުކުރަން ބޭނުންނަމަ އެކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
ޕާސްޕޯޓު ހިފެހެއްޓުމަކީ އެމްޑީޕީގެ މެމްބަރުންނަށް ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.
ޒާހިރުގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައާ ގުޅިގެން އިމިގްރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.