26 Nov 2010, 10:42
ފަންސަވީސް އަހަރުގެ މުއްދަތަކަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރަށް ސަރުކާރުން ކުއްޔަށް ދިން ނަމަވެސް އެތަން އަނބުރާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކަށަވަރުކޮށް ބުނެފި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމާ ދެކޮޅަށް އިހްތިޖާޖު ކުރުމުގެގޮތުން އިދިކޮޅު ޑީއާރުޕީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އާއި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީން، ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޕީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީނު ވިދާޅުވީ، ދިވެހިންގެ ފަޚުރާއި ޝަރަފް ކަމުގައިވާ އެއާޕޯޓް އަނބުރާ ދިވެހިންނަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި އެއާޕޯޓްގެ މައްސަލައިގައި އިދިކޮޅު ޕާޓީތަކުން މިހާރު ގޮތެއް ނިންމާފައިވާ ކަމަށާއި އެއާޕޯޓަކީ އޭގެ ޒާތުގައި އަމިއްލަ ޝަހްސެއް ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަރަށް އަވަހަށް ގާނޫނެއް ފާސްކުރާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ދިވެހިންގެ ފަހުރު ކަމުގައިވާ އެއާޕޯޓް އަލުން ދިވެހިންނަށް ލިބިގެންދާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެ ގަނޫނީ ޝަހުސިއްޔަތު އެއާޕޯޓަށްދީ، ޝަރުއީ މަރުހަލާތަކުން އަޅުގަނޑުމެން މި އެދޭ ގޮތަށް ނިމިއްޖެ ކަމަށް ވަންޏާ އެއާޕޯޓާ މެދު އެގްރީމެންޓް ކުރި ފަރާތްތަކުން ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ބަދަލުދޭން ޖެހޭ ކަންތައްތަކުގައި ބަދަލުދޭން ޖެހޭނެ. ނަމަވެސް އުއްމީދު އެބައޮތް އެއާޕޯޓް އަނބުރާ ލިވޭނެ[ކަމަށް]. ނަމަވެސް އެމްޑީޕީ އާއި ސަރުކާރުން ކަންތައްކުރާ ގޮތަށް ގަނޫނެއް އޮތަސް ނެތަސް މީހަކު ހިތްހަމަޖެހުނަށް ނުޖެހުނަސް ކިޔައިފައި އަޅުގަނޑުމެންނަކަށް މިކަންކަމެއް ނުކުރެވޭނެ. އަލުގަނޑުމެން މިކަން ކުރާނީ މިކަން ކުރަން އޮންނަ މަގުން. ދިގުލާ، އެކަމަކު ވެސް އަޅުގަޑުމެން މިކަން ކުރާނަން،"
ޔާމީން ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ހުރިހާ ރައްޔިތުންގެ ތަރިކައެއް ކަމަށާއި އެމްޑީޕީ ސަރުކާރު ނޫން ބަޔަކު އެއާޕޯޓް ނުއަގުގައި ވިއްކަން ބޭނުން ނުވާ ކަމަށެވެ. އަދި އެއާޕޯޓްގައި އާ ޓާމިނަލެއް ހަދާ ވާހަކަ އާއި ސްކޭންކުރާ މެޝިންތައް ގެންނަ ވާހަކަ އާއި ޓްރޮލީތައް އާކުރާ ވާހަކަ ދެއްކިއަސް، ނުވަތަ ވީއައިޕީ ލައުންޖް 10 ބުރިއަށް ނަގާ ވާހަކަ ދެއްކިޔަސް ރައްޔިތުން ހެއްލެން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއާޕޯޓް ޖީއެމްއާރަށް ދީފައި އެ ވަނީ ގައުމަށްވާ ފައިދާއަށް ވުރެ ބޮޑު އެއްޗެއް ރައްޔިތުންގެ އަތުން އެމީހުންނަށް ދޭން ޖެހޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެތަނުން ލިބޭ ފައިސާ ބޭނުން ކުރާނީ ސަރުކާރުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދު ކުރުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި އެއާޕޯޓް ތަރައްގީކުރާ ވާހަކަ ދައްކާ އިރު، ދުނިޔޭގެ ވަރުގަދަ އެއާޕޯޓަކާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަޅާ ކިރުއްވަން ކެރިވަޑައިނުގަންނަވައިގެން އެ އަޅުއްވަނީ ކީއްވެތޯ ވެސް ޔާމީން ސުވާލު ކުރެއްވި އެވެ.
"ފަންސަވީސް އަހަރު ދުވަހުގެ ތެރޭގައި އެމްސްޓެޑަމް ނުވަތަ ސިންގަޕޫރު އެއާޕޯޓާ އެއްވަރަށް، އެންމެ ކުޑަމިނުން އަވައްޓެރި ލަންކާގެ އެއާޕޯޓާ އެއް ފެންވަރަށް މަލޭ އިންޓަނޭޝަނަލް އެއާޕޯޓް، ތަރައްގީކުރާނަމޭ ވިދާޅުވެއްޖިއްޔާ އަޅާކިޔައިލަން އެނގޭނެ. އެފަދަ ގޮތަކަށް ކޮމްޕެއާކުރަން [އަޅާކިރާލަން] އެބޭފުޅުންނަށް ވިދާޅު ނުވެވިގެން އެއުޅެނީ ކީއްވެގެންކަމެއް ނޭނގެ. އަރުގައި އޮތް މުދަލަކުން މަންފާ ހޯދައިގެން ވިޔަފާރި ފުޅާނުކޮށް އެ މުދާ، އިގްތިސާދީ އެންމެ ދަތި ދުވަސްވަރަށް ބަލައި ނުއަގުގައި ވިއްކާލުމަކީ ވިޔަފާރި ނޭނގޭ މީހުން ކުރާކަމެއް،"
ޔާމީން ސުވާލުކުރެއްވީ އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުންގެ އަތުގައި ހުރި މުދާ ނުއަގުގައި ނީލަމަށް ލުމަށް މިސަރުކާރު ހޮވަންޖެހޭތޯ އާއި ޕްރައިވެޓައިޒޭޝަން މިނިސްޓަރަކު ހަދަން ޖެހޭތޯ ވެސް ޔަމީން ސުވާލު ކުރެއްވި އެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ، މަލޭ އިންޓަނޭޝަނަލް އެއާޕޯޓް ދިވެހިންނަށް އަނބުރާ ހޯއްދަވައި ދެއްވާނެ ކަމަށާއި އެކަން ކުރުމަށް އެއާޕޯޓް ދައުލަތަށް ނެގުމުގެ ބިލު ލަސްތަކެއްނުވެ މަޖިލީހަށް ވަންނާނެ ކަމަށާއި އެބިލު ފާސްކޮށް ޖީއެމްއާރު އަތުން އެއާޕޯޓް ނަގާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ ފަރާތުންނާއި އިދިކޮޅު ފަރާތްތަކުގެ ތެރެއިން ރިޝްވަތު ނެގި މީހުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީ ބާލިދީ އެއާޕޯޓެއް ނޫން އަޅުގަނޑު ޖީއެމްއާރުން ހިންގާ ދިއްލީ އެއާޕޯޓަށް ދިޔައިން. އެތަނުގައި ވެސް ހުރީ ބާލިދީ ބަހައްޓައިފައި. އަޅުގަނޑު ދިޔައިން ފްރަންކްފާޓް އެއާޕޯޓަށް، އެތަނުގައި ވެސް ހުރި ބާލިދީ ބަހައްޓައިފައި. އެއީ ދުނިޔޭގައި އާކަމެއް ނޫން. މުހައްމަދު ނަޝީދަށް އެކަން އާވަނީ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ނެގުމުގައި ސަރުކާރުން ރިޝްވަތުހިފި މީހުންނާއި އިދިކޮޅު ޕާޓީތަކުއި އިތިބެ ރިޝްވަތުހިފި މީހުންނާއި ހުރިހާ އެންމެންނަށް ހައްގު އަދަބު ދޭނަން."
ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ރައްޔިތުގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، މިކަމަށް އޮތް ހައްލަކީ، ދިވެހި ހުރިހާ ރައްޔިތުން ނިކުމެ ސަރުކާރު ވައްޓައިލުން ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުކުރާ ވާހަކަ ދައްކަމުން އައި ނަމަވެސް އެގޮތަށް އެކަން ވާންނެތް ކަމަށާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެއިލްވެވަޑައިގެންނެވިޔަސް، ވެރިކަމުން ފައިބާން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިނެތް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިފާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި ކަމަކީ، ރޯމާދުވާލު ސަރުކާރުން ކުރަމުންގެންދާ ވައްކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ނަޝީދު ގަނޫނުގެ ވާހަކަ ދައްކަވާއިރު، ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މިނިސްޓަރުން ހުއްޓުވައި ކާރުތަކަށް އެރުމަށާއި އެއީ ރައްޔިތުންގެ މުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ދީނީ ގޮފީގެ ރައީސް އުނގޫފާރު ދާއިރާ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، މަލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ދޫކޮށްލުމުގެ ސަބަބުން، އެތައް ބައެއްގެ ވަޒީފާގެ ފުރުސަތު ގެއްލިގެން ދާނެކަމަށެވެ. އަދި އެކަމަކީ ރާއްޖެ އަށް އަންނަމުންދާ އާމްދަނީ އައުމަށް އެޅޭ ވަރަށްބޮޑު ހުރަހަކަށްވާނެ ކަމެއް ކަމަށާއި ރާއްޖެ ކަހަލަ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް އެތެރެވާންނުޖެހޭ ކިތަންމެ އެއްޗެތިތަކާއި މީހުންތައް އެކަމުގެ ސަބަބުން އެތެރެވަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލް ޕްލައިޓުތައް ރާއްޖެ އަށް ފަށަން ހަމަޖެހިފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ޑރ. އަފްރާޝީމް ވިދާޅުވީ އެކަމުގެ ސަބަބުން، ސައްތައިންސައްތަ އެއްވެސް މުސްލިމު ގައުމަކަށް ނޭރޭނެ އަދި އެފަރާތްތަކަށް މުސްލިމު ގައުމުތަކުން އެހީތެރިކަންދިނުން މުޅިން މަނާ ބަޔަކު ރާއްޖެއަށް އެތެރެވެގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
"އިޒްރޭލް މީހުން ރާއްޖެ އައިސް ވެރިވެގަތުމުގެ ވަރަށްފުޅާ ދޮރެއް މިކަމުގެ ސަބަބުން ހުޅުވިގެންދާނެ. އެކަމުގެ ސަބަބުން ރާއްޖޭގައި އެމީހުން ފައިހިއްޕާލައިގެން ތަން ސުންނާފަތިކޮށް މުޅިތަން ފަސާދަކޮށް ތަނުގައިތިބި އިލްމީ އަހުލުވެރިން އެކަހެރިކޮށްލާނެ. އަދި ރާއްޖޭގައި މިއޮތް މާތް އިސްލާމްދީނަށް އެކަމުން ބޮޑެތި އަސަރުތަކެއްކުރާނެ،"
ގައުމީ ޕާޓީގެ ނާއިބު ރައީސް އަބުދުލް މަތީނު ވިދާޅުވީ، މިއަދު މާލޭ ބައިނަލްއަގްވާމީ އެއާޕޯޓް ސަރުކާރުން ދޫކޮށްލާފައި އެވަނީ، ވޯރާ ވިޔަފާރިވެރިންގެ އަތްމައްޗަށް ކަމަށެވެ. އަދި މިއީ އެކަން އެގޮތަށް ނިމިގެންދިއުންނޫން ކަމަށާއި ކޮންމެ ގޮތަކުން ނަމަވެސް އެއާޕޯޓް ދިވެހިންނަށް ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމީހުންނަކީ ވޯރާ ވިޔަފާރިވެރިން. އެބައިމީހުން ވަނީ މީގެ ކުރިން ވެސް ރާއްޖެ އަށް ވެރިވެގެންފައި. މިކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ. ރާއްޖޭގެ ފަހުރުވެރި އަމިއްލަ އެއާ ލައިން ކަމުގައިވާ އައިލެންޑް އޭވިއޭޝަން ބަންގުރޫޓުވާނެ. އައިލެންޑް އޭވިއޭޝަނަށް ފައިދާލިބޭ ފަސްކުންފުންޏެއް އެމީހުން ވަނީ ނަގާފައި. އެއް މަގާމުގައި ތިބޭ ދިވެހިންނާއި ބިދޭސީންގެ މުސާރައިގެ ތަފާތުވުންތައް އެބަހުރި. އެއީ ރާއްޖެ އަށް ވަންނަ މައިދޮރާށި. ދެން ގައުމަށް ވަންނަ މީހުން އެނގޭނީ އެމީހުނަށް. ގައުމަށް އެތެރެވާ ހުރިހާ މުދަލެއްގެ ތަފްސީލު ދެން ދާނީ ވޯރާ ވިޔަފާރިވެރިންގެ އަތްދަށަށް. އެއީ ވަރަށް ބޮޑު މައްސަލައެއް. މިއީ ނިމުނުކަމެއް ކަމަށް އެއްވެސް ބަޔަކު ބަލައިގެން ނުވާނެ. މިއީ ކަމެއް ފެށިގެން ދިއުން. ގައުމުގެ މިވަންކަމާއި ސިޔާދަތު ސަލާމަތް ކުރުމަށް ކުރެވެންއޮތް ކޮންމެ ކަމެއް ކުރާނަން. އަޅުގަޑުމެން ފަތާފައި ނުވަތަ ދޯންޏެއްގައި ނަމަވެސް އެއާޕޯޓަށް ގޮސްގެން ވެސް އެކަން ކުރުމަށް މިތިބީ ތައްޔާރަށް."
ޖުމްހޫރީ ޕަޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، އިއްޔެ އަކީ ދިވެހިންގެ ފަހުރެއްކަމަށްވާ މާލޭ ބައިނަލްއަގްވާމީ އެއާޕޯޓު ބޭރުގެ ބަޔަކަށް ބީވެގެންދިޔަ ހިތާމަވެރި ދުވަސް ކަމަށެވެ. އެހެންކަމުން މިހާރު ބަލަންވީ އެތަން އަނބުރައި ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއާޕޯޓް އަތުލަން ޖެހޭނެ ކަމަށާއި ނަމަވެސް އެކަމަކީ ޖުމްހޫރީ ޕާޓީއަށް އެކަނި ކުރެވޭވަރުގެ ކަމަކަށް ނުވާތީ އެކަމުގައި އިދިކޮޅު ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ގޮވައިލެއްވި އެވެ. އަދި މަލޭ އިންޓަނޭޝަނަލް އެއާޕޯޓް އަލުން އަނބުރައި ރައްޔިތުންނަށް ހޯދައި ދިނުމަށް އެއާޕޯޓަށް އެރުމަށް، އެއާޕޯޓަށް ދާނެ ތާވަލެއް ޕާޓީތަކާ މަޝްވާރާކޮށްގެން ނިންމިދާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.