05 Oct 2013, 16:08
މި އަހަރު ޖީސީއީ އޯލެވެލް އިމްތިޙާނު ހަދާ 8200 އަށް ވުރެ ގިނަ ކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށް ސިޔާސީ އެންމެހާ ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.
ޖީސީއީ އިމްތިހާން މިއަދު ފެށުމާ ގުޅިގެން ރައީސް އޮފީހުން ނެރެފައިވާ ހިތާބެއްގައި ރައީސް ވަހީދު ވިދާޅުވެފައި ވަނީ މިނިވަންކަމުގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. ނަމަވެސް އެ ހައްގަކީ އަޅުގަނޑުމެންގެ އެހެން ބައެއްގެ އަސާސީ ހައްގުތަކަށް ބުރޫއަރާ ގޮތަށް، ހާއްސަކޮށް ކިޔަވާކުދިންނަށް ގެއްލުންވާ ފަދަ ކަމަކަށް ވެގެންނުވާނެ ކަމަށެވެ.
މިއަހަރުގެ ޖީސީއީ އޯލެވެލް ހަދާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ އެއްވެސް ފަރާތަކުން ކަންތައްތައް ނުކުރުމަށާއި ހާއްސަ ގޮތެއްގައި އިމްތިޙާނުތައް ހަދަމުންގެންދާ ވަގުތުތަކުގައި އިމްތިޙާނުގެ މަރުކަޒުތަކުގެ ކައިރީގައި ކުދިންނަށް އުނދަގޫވާ ގޮތަށް ކަންކަން ނުކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
"މިވަގުތު މި ހައްގުގެ (ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ) ބޭނުންކުރާ ފަރާތްތަކުން މިއަހަރުގެ ޖީސީއީ އޯލެވެލް ހަދާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާގޮތަކަށް ކަންކަން ބައްޓަންކުރުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި އިމްތިޙާނު ހަދަމުންގެންދާ ވަގުތުގައި، ކުދިންނަށް އުނދަގޫނުވާނޭ ފަދަޔަކުން މަގުތަކުގެ ކަންކަން ހަމަޖައްސަވައިދެއްވުމަށް ސަލާމަތީ ބާރުތަކަށް އަޅުގަނޑު ދަންނަވަމެވެ،" ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވަހިދު ވިދާޅުވެފައި ވަނީ ދިވެހި ދަރިވަރުން މިފަހުގެ ތާރީހުތަކުގައި އޯލެވެލް އިމްތިހާނުތަކުގައި ރަންވަނަތަކެއް ހޯދައިގެން ރާއްޖޭގެ ނަން، ބައިނަލްއަގުވާމީ މައިދާނުގައި ވިދުވާލާފައިކަން ފާހަގަކުރެއްވާ ރައީސް ވިދާޅުވީ ދިވެހި ކިޔަވާކުދިންގެ މި ތާރީހީ ކާމިޔާބަކީ ގައުމުގެ މުސްތަގުބަލާ ދޭތެރޭ ކުރެވޭ އުންމީދުތައް އާކުރުވާ އަދި މައިންބަފައިންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭ ކަމެއް ކަމަށެވެ.
"މިއަދުގެ ބޮޑެތި މީހުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ވާޖިބަކީ، ކުދިން އިމްތިހާނަށް ތައްޔާރުވެ، އިމްތިހާނު ކާމިޔާބުކަމާ އެކު ފުރިހަމަކުރެވޭނޭ ފަދަ މާހައުލެއް ގާއިމުކޮށްދިނުމެވެ. މުޅި އުމުރުގައި އެކުދިން ކުރި މަސައްކަތާއި މި އިމްތިޙާނަށް ތައްޔާރުވުމަށް ރެޔާއި ދުވާލު އެކުދިން ކުރަމުންގެންދާ މަސައްކަތަށް ހިތްވަރުދީ، މައިންބަފައިންގެ އުންމީދުތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމެވެ،" ރައީސްގެ ހިތާބުގައިވެ އެވެ.
ރައީސް ވަހީދުގެ ހިތޯބުގައި މިއަހަރު ޖީސީއީ އޯލެވެލް އިމްތިހާންގައި ބައިވެރިވާ ކުދިންނަށް ކާމިޔާބީ އަށް ވަނީ އެދިވަޑައިގެންފަ އެވެ.