ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުން މަނާކުރުމާ ބެހޭ ބާބެއް ސިފައިންގެ އާއްމު ގަވާއިދަށް އިތުރުކޮށްފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން އަބްދުއްރަހީމް ވިދާޅުވީ އެ ބަދަލު ގެނެސްފައި ވަނީ މިދިޔަ ހަފްތާގައި ކަމަށާއި ސިފައިންގެ ގަވާއިދަށް އުނިއިތުރު ގެނައުމަކީ އާއްމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"އާއްމު ކަމެއް އެކަމަކީ، އަޅުގަނޑުމެން އިންޓާނަލީ އެ ބަދަލު ގެނެސްފައިވާކަން ވާނީ އަންގައިފައި. ގަވާއިދަށް އަންނަ ކޮންމެ ބަދަލެއް އެގޮތަށް އަޅުގަނޑުމެން އިންޓާނަލީ ސިފައިންނަށް އަންގާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސިފައިންގެ އާއްމު ގަވާއިދަށް "ފިތުނަފަސާދަ" އުފެއްދުން މަނާކުރުމާ ބެހޭ ބާބެއް ވަނީ އިތުރުކޮށްފަ އެވެ. އެ ގަވާއިދަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ކަމަށް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އެ ލިޔުމުގައި ބުނެފައިވެ އެވެ.

އެ ގަވާއިދުގައި ބުނެފައި ވަނީ ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ މީހުން ހިމެނޭ އެކި ކަންކަމަށް ޑިމާންޑްކޮށް ޕެޓިޝަންގައި ސޮއިކޮށް ހުށަހެޅުމާއި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ލިޔުމުން ނުވަތަ ކުރެހުމުން ނުވަތަ ފޮޓޯ އިން ނުވަތަ އެނޫން ވެސް ވަސީލަތެއް ބޭނުންކޮށްގެން ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ ފަދަ ގޮތަކަށް ކަންކަން ކުރުމާއި އެބާވަތުގެ ކަންކަށް ތާއީދުކުރުމަކީ މަނާކަމެއް ކަމަށެވެ.

ސިފައިންގެ ގާނޫނުގެ 33 ވަނަ މާއްދާގެ "ފިތުނަފަސާދަ" ކަމަށް ބުނެފައިވާ ކަންކަން މަނާކޮށް ބާބައެއް ސިފައިންގެ ގަވާއިދަށް އިތުރުކޮށްފައި މިވަނީ ރިޔާސީ އިންތިހާ ގުޅިގެން ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމާ ގުޅިގެން ސިފައިންގެ އޮފިސަރުންތަކެއް ސޮއިކޮށް ޗީފް އޮފް ޑިފެންސް ފޯސް އަށް ސިޓީއެއް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެގަވާއިދަށް އަމަލު ކުރަން ފެށި ފަހުން ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ތުހުމަތުގައި މިހާތަނަށް ސިފައިންގެ ތިން މީހަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އެ ތިން މީހުން ސަސްޕެންޑް ކޮށްފައި ވަނީ އަލަށް އެކުލަވާލި ގަވާއިދަށް ރިޔާއަތްކޮށްގެން ނޫން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.