ވަކިވަކިން އެތެރެކޮށް އެސެމްބްލްކޮށްފައިވާ އުޅަނދުތައް ރަޖިސްޓަރީކޮށްދޭނީ ޑިއުޓީ ދެއްކިކަމުގެ ލިއުމާ އެކު އުޅަނދު ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ކަސްޓަމްސް ޑިކްލަރޭޝަން ފޯމު ފުރިހަމަވެފައިވާ ފަރާތްތަކުން ހުށަހަޅާ އުޅަނދުތައް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

އެ އޮތޯރިޓީން ބުނީ މިމަހުގެ 15ގެ ފަހުން އެތެރެކޮށް އެސެމްބްލްކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ޑިއުޓީ ދައްކާފައިވާ ލިޔުމާ އެކު ކަސްޓަމްސްގެ ޑިކްލެރޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ޑޮކިއުމެންޓް ފުރިހަމަވެފައި ނުވުމުގެ ސަބަބުން ރަޖިސްޓަރީ ކުރުމުގައި ދަނީ ތަފާތު މައްސަލަތައް ދިމާވަމުން. އެގޮތުން ސްޕެއަ ޕާޓްސްގެ ގޮތުގައި އުޅަނދުގެ ބައިތައް ވަކިވަކިން އެތެރެކޮށް އެސެމްބްލް ކުރުމަށް ފަހު ރަޖިސްޓަރީ ކުރަން ހުށަހަޅާ އިރު ރަޖިސްޓަރީގައި ހިމަނަން ބޭނުންވާ ބައެއް މައުލޫމާތު ފުރިހަމަވެފައި ނުހުންނަކަން ވަނީ ފާހަގަ ކުރެވިފައި،" ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ފަހަކަށް އައިސް ބައެއް ފަރާތްތަކުން ދަނީ ބޭރުން ސައިކަލާއި ކާރުފަދަ ވެހިކަލްތައް ވަކިވަކިން އެތެރެކޮށް ޑިއުޓީ ނުދައްކައި އެސެމްބްލްކުރުމަށް ފަހު ފުޅާދާއިރާއެއްގައި ވިއްކަމުންނެވެ.

މޮޓޯސައިކަލާއި އެނޫން ވެސް ވެހިކަލްތަކުން ޑިއުޓީގެ ގޮތުގައި ގަންނަ އަގުގެ 100 ޕަސެންޓް ޑިއުޓީ ނަގަ އެވެ. ގިނަ ސްޕެއާ ޕާޓްސް އަށް ޑިއުޓީގެ ގޮތުގައި 30 ޕަސެންޓް ނަގަ އެވެ.