އެމްޑީޕީގެ މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު އެފްޑީއައި ސްޓޭޝަން ސަރަހައްދުން ހައްޔަރުކުރި ކުރީގެ އެޑިއުކޭޝަން މިނިސްޓަރުކަން ޝިފާ މުހައްމަދު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

ފުލުހުން ވެސް ވަނީ އެކަމަނާ ގޭބަންދަށް ބަދަލުކުރިކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ޝިފާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގަ އެވެ. ޝިފާ ގޭބަންދަށް ބަންދު ކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވަނިކޮށެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އަވަސް ކުރުމަށް ގޮވާލައި އެމްޑީޕީން ކުރަމުންދާ މުޒާހަރާގެ ތެރެއިން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވައި، ތައުލީމީ ދާއިރާގައި ގިނަ ދުވަސް ހޭދަކުރައްވާފައިވާ ޝިފާ ހައްޔަރުކޮށްފައިވާއިރު، ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ކިޔަން އެމްޑީޕީން ވަނީ "މާ ބޮޑިތަކެއް ހިފައިންގެން" ނުކުމެ ހިނގާލުމެއް ބާއްވާފަ އެވެ. ދޫނިދޫގައި ޝިފާ ބަންދުގައި އިންނެވިއިރު، އެކަމަނާއާ ބައްދަލު ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫނިދޫއަށް އިއްޔެ ވަޑައިގެންނެވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޖުމްހޫރީ ގުޅުމުގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދަނިކޮށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން އިލެކްޝަން ކޮމިޝަންގެ ފަރާތުން މަސައްކަތް ކުރަން އުޅުމުން ސުޕްރީމް ކޯޓުން ދެ އަމުރެއް ނެރެ އިންތިހާބު ލަސްކުރުމާ ގުޅިގެން އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި މިދިޔަ ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު ވެސް ހައްޔަރުކޮށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ. އޭނާ ވެސް ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.