ދައުލަތަށް އާމްދަނީގެ ގޮތުގައި މިއަހަރު ލިބޭ ކަމަށް ކުރިން ލަފާކުރި 1.2 ބިލިއަން ރުފިޔާ ނުލިބުމުން ދައުލަތުގެ ބަޖެޓް ދަރަނި ކުރިޔަށް ވުރެ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓް ދަރަނި ބޮޑުވަމުންދާ މައްސަލައާ ބެހޭ ގޮތުން "ސަން"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާމްދަނީ ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެއްވެސް ކަމެއް މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ނިންމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ދައުލަތުގެ ބަޖެޓް ދަރަނިވެރިވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"ދައުލަތުގެ ހަރަދުތައް ކިތަންމެ ވަރަކަށް ކުޑަކުރި ނަމަވެސް ކުރީގެ ސަރުކާރުން ނުދައްކާ ހުރި ބިލްތައް ދެއްކުމުން ދަރަނި ބޮޑު ވަނީ. އެ ފައިސާއަކީ އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް. އެހެންވެ ހަރަދު ކުޑަކުރުމުގެ ނަތީޖާއެއް ނުފެންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިއަހަރުގެ ބަޖެޓް ހުށަހެޅިއިރު ވަނީ އެއާޕޯޓް ސާވިސް ޗާޖް 25 ޑޮލަރަށް ބޮޑުކޮށް ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރުމާއި ބައެއް ބާވަތްތަކުން ޖީއެސްޓީ ނެގުން އަދި އިމްޕޯޓް ޑިއުޓީއަށް ވެސް ބަދަލު ގެނައުމަށެވެ. ނަމަވެސް އެކަންތައްތައް ކުރުމަށް މަޖިލީހަށް ހުށަހެޅި ބައެއް ބިލްތައް ވަނީ ބޭރުކޮށްލައިފަ އެވެ.

އެމްއެމްއޭއިން ނެރުނު މިދިޔަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ މިއަހަރު އަމާޒުކޮށްފައި ވަނީ ބަޖެޓް ދަރަނި މިދިޔަ އަހަރު ލަފާކުރި މިންވަރު ޑީޖީޕީގެ 12.6 ޕަސެންޓުން 3.6 ޕަސެންޓަށް ދަށްކުރުމަށް ކަމަށެވެ. އެކަމަކު މިހާރު އެ މިންވަރަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށް ލަފާކުރެވޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނެފައި ވަނީ މުޅި ބަޖެޓްގެ 15 ޕަސެންޓް ނުވަތަ 1.8 ބިލިއަން ރުފިޔާ އާމްދަނީ އިތުރުކޮށްގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިރު އެއިން އެއްވެސް ކަމެއް ހަގީތަކަށް ވެފައިނުވާ ކަމަށް އެ ބުލެޓިންގައި ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނެފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި އެއް ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.