ރާއްޖޭގެ ރިޔާސީ އިންތިހާބް ލަސްވެ އެކަމާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމުގައި އދ. ގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއާޒް އޮސްކާ ފެނާންޑެޒް ޓްރެންކޯ ވިދާޅުވެއްޖެ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީ ބުނެފައި ވަނީ ރިޔާސީ އިންތިހާބު ފަސް ކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އުފެދިފައިވާ ރާއްޖޭގައި އުފެދިފައިވާ ހަމަނުޖެހުމާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ފެނާންޑެޒް ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގެ ބައިވެރިން ވަނީ ޑިމޮކްރަސީގެ ރާއްޖެއިން ހޯދައިފައިވާ ކުރިއެރުންތައް ނެތި ހިނގައިދޭނެ ކަމުގެ ބިރު ހީވަމުންދާ ކަމަށް ބުނެ ކަންބޮޑުން ފާޅުކޮށްފަ އެވެ.

ރިޔާސީ އިންތިހާބްގެ ފުރަތަމަ ބުރުގައި ގިނަ އޮޅުވާލުންތަކެއް ހިނގާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން އިންތިހާބް ފަސްކޮށްފައިވާއިރު އިންތިހާބްގެ ތާރީހެއް ކަނޑައަޅައި ދިނުމަށް ގޮވާލައި ބާއްވަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަދަލުން ގެންދާ ކަމަށް އދ. ގެ ތަރުޖަމާނު މާޓިން ނެސާކީ ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅުގައި އދ. ގެ އިތުރުން ކޮމަންވެލްތާއި ބައިނަލްއަގުވާމީ ބައެއް އެހެން ފަރާތްތަކުން ވަނީ އިންތިހާބް ވީހާވެސް އަވަހަށް ބޭއްވުމަށް ގޮވައިލައިފަ އެވެ.