ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ ޖީސީއީ އޯލެވެލް އިމްތިހާން 8000 ވުރެ ގިނަ ދަރިވަރުންނާއި އެކު މިއަދު ފަށައިފި އެވެ.

އިމްތިހާންތަކާއި ބެހޭ މައި މަރުކަޒު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބު ވިދާޅުވީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 196 ސްކޫލެއްގައި އިމްތިހާން ހަދާއިރު އަމިއްލަ ގޮތުން 54 ސެންޓަރެއްގައި އިމްތިހާން ހަދާނެ ކަމަށެވެ. އަދި މިއަހަރުގެ އިމްތިހާނުގައި ޖުމްލަ 8280 ކުދިން ބައިވެރިވާނެ ކަމަށްވެސް ޝަކީބު ވިދާޅުވި އެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު ސާނަވީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ އަދަދު ވަނީ މަދުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުވަނީ ޖުމްލަ 8461 ކުދިން ބައިވެރިވެފަ އެވެ.

ސާނަވީ އިމްތިހާން މިއަދު ފެށިފައިވާ އިރު އިމްތިހާންގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ. އަދި މާދަމާ އޮންނާނީ ދިވެހި ޓެސްޓެވެ. އަދި މިއަހަރުގެ ސާނަވީ އިމްތިހާން ނިމޭނީ މިއަންނަ މަހުގެ 19 ގައެވެ.

މިއަހަރު އަލަށް ސާނަވީ އިމްތިހާން ހަދާ ޖަމާލުއްދީން ސްކޫލުގެލީޑިން ޓީޗަރު ނީނާ ވިދާޅުވީ މިއަހަރު އަލަށް އެ ސްކޫލުގައި 117 ކުއްޖަކު ބައިވެރިވާ ކަމަށާއި ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރާ ކަމަށެވެ. އިސްކަންދަރު ސްކޫލުންވެސް ވަނީ މިއަހަރުގެ ސާނަވީ އިމްތިހާނުގައި 112 ކުދިންނާއި އެކު ބައިވެރިވެފަ އެވެ. މި ދެ ސްކޫލުގެ އިތުރުން ގިނަ ޕްރައިމަރީ ސްކޫލު ތަކުގައި މިއަހަރު އަލަށް ސާނަވީ އިމްތިހާން ހަދަ އެވެ.