އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 40 ޕަސެންޓް ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން"އާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނީގެ 40 ޕަސެންޓް ހިއްސާ އާއްމު ފަރާތްތަކަށް ވިއްކަން ހުޅުވާލާއިރު، އަމިއްލަ ފަރުދުންނަށާއި އަމިއްލަ ކުންފުނިތަކަށް ވެސް ގަނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ހުޅުވާލާނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ކުންފުނިތަކަށް ހިއްސާ ގަތުމަށް. އަޅުގަނޑުމެން މަސައްކަތްކުރަނީ ވަރަށް އަވަހަށް ހިއްސާ ގަންނަން ހުޅުވާލަން،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްއޭސީއެލްގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކަން ނިންމީ އެއާޕޯޓް ދިވެހިންގެ އަތްމަތީގައި ބޭއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އެކަން ވީހާ ވެސް އަވަހަށް ކުރަން. މިހާރު މިގެންދަނީ އެކަމާ ގުޅޭ ތައްޔާރީތައް ވަމުން،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު އެމްއޭސީއެލުން ހިންގަމުން ދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ އިންޑިއާގެ ޖީއެމްއާރާއި އެއާޕޯޓު 25 އަހަރަށް ކުއްޔަށް ދީފަ އެވެ. އޭގެ ފަހުން މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ޖީއެމްއާރުގެ އެއްބަސްވުން އުވާލައި މިދިޔަ އަހަރު ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެން އެއާޕޯޓް ހިންގަނީ އެމްއޭސީއެލްއިންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބޭ ކުންފުނިން ލަފާކޮށްފައިވާ ގޮތުން މި އަހަރު އެއާޕޯޓް ހިންގައިގެން ލިބޭ އާމްދަނީ 1.2 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިދުމަތް ހޯދި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 650،000 އިންޓަނޭޝަނަލް ޕެސެންޖަރުން އައިސްފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ މިއަހަރުގެ ނިޔަލަށް 1.3 މިލިއަން އިންޓަނޭޝަނަލް ޕެސެންޖަރުން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.