05 Oct 2013, 12:59
ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާ ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާ ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ ވައިކަރުދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ.
އަދި އެ ބިލްގެ ފުރަތަމަ ކިޔުން މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުން މަނާ ކުރުމުގެ ބިލްގެ މަގުސަދަކީ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތް ކުރުމަށް ހުރަސް އެޅުމަށް ކުރެވޭ އެންމެހާ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ ކޮބައިކަން ކަނޑައެޅުމެވެ. އަދި ހަމައެހެންމެ އެކަމާ ބެހޭ އެންމެހާ އުސޫލުތައް ކަނޑައެޅުމެވެ.
ބިލްގައި ބުނެފައިވާ ގޮތުން ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި އެކަމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނެ އަދަބު ކަނޑައެޅުމަކީ ވެސް އެ ބިލްގެ މަގުސަދެއް ކަމަށް ބިލްގައި ބުނެފައިވެ އެވެ.
އަލީ އާރިފް ހުށަހެޅުއްވި ބިލްގައި ބުނެފައިވާ ގޮތުން ފަތުރުވެރިކަން ބޮއިކޮޓް ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ހިތްވަރު ދިނުން ނުވަތަ ގޮވާލުން ނުވަތަ ބައިކޮޓްކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމެވެ.
މަގުބޫލު ސަބަބެއް ނެތި ރާއްޖޭގެ ވަކި ރިޒޯޓެއް، ހޮޓަލެއް، ރަށެއް، އަތޮޅެއް ނުވަތަ ވަކި ސަރަހައްދަކަށް ފަތުރުވެރިން ޒިޔާރަތް ނުކުރުމަށް ގޮވާލުން ނުވަތަ އެފަދަ ގޮވާލުމަކަށް ހިތްވަރު ދިނުމަކީ ވެސް ވެސް ފަތުރުވެރިކަން ބޮއިކޯޓް ކުރުން ކަމަށް ބެލެވޭނެ ކަމަށް ބިލްގައި ބުނެފައިވެ އެވެ. އެދި އެފަދަ ގޮވާލުމެއް އެންޑޯޒް ކުރުމާއި ޕްރޮމޯޓް ކުރުމަކީ ވެސް ފަތުރުވެރިކަން ބައިކޯޓް ކުރުން ކަމަށް ބެލެވޭނެ ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ބިލްގައި ފަތުރުވެރިކަން ބޮއިކޯޓް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭނެ އަދަބުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގައި ބައިވެރިވި މީހަކު އެ މީހަކު ބައިވެރިވި މިންވަރަކަށް ބަލައި އެފަރާތެއް 150،000 އަށް ވުރެ މަދުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތަކީ ދައުލަތުން ޝަރަފާއި އިއްޒަތް އަރުވާފައިވާ ފަރާތެއް ނަމަ އެ ޝަރަފަކާއި އިއްޒަތް އެ މީހެއްގެ އަތުން ނެގޭނެ ކަމަށް ބިލްގައި ބުނެފައިވެ އެވެ. އަދި އެފަދަ ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަންދޭ ނަމަ އެ ރައްކާތެރިކަމާއި އިނާޔަތް ވަކި މުއްދަތަކަށް ނުވަތަ ދާއިމަށް ދިނުން ހުއްޓުވިދާނެ އެވެ.
ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ މަނާ ކުރާ ބިލްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް އެ ބިލް ތަސްދީގުކޮށް ގާނޫނަކަށްވާ ދުވަހުން ފެށިގެން އަމަލު ކުރަން ފަށަން ޖެހޭނެ އެވެ.