ތިން އަހަރު ދުވަހަށް ގަލޮޅު ދަނޑަށް ވަނުން މަނާކޮށްފައިވާ މާޒިޔާގެ އިސް އޮފިޝަލަކު، އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ދަނޑަށް ވަދެ، ނިއުރޭޑިއަންޓުގެ ސަޕޯޓަރުންތަކަކާ ރޭ މާރާމާރީ ހިންގައިފި އެވެ.

މާޒިޔާ ބަލިވި ފައިނަލް މެޗުގައި މާރާމާރީ ހިންގީ މާޒިޔާގެ އިސް އޮފިޝަލެއް ކަމަށްވާ އަބްދުﷲ މޫސަ އެވެ. އޭނާ ރޭގެ މެޗު ނިމުމާއެކު ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭ އޭނާ ދޫކޮށްލި އެވެ.

ނިއުގެ ސަޕޯޓަރެއްގެ ކަރުގައި ހިފައި މޫސަ މާރާމާރީ ހިންގާ ވީޑިއޯއެއް "ސަން"އަށް ލިބިފައިވެ އެވެ. ވީޑިއޯއިން ފެންނަ ގޮތުން ގަލޮޅު ދަނޑުގެ ހުޅަނގު ފަރާތު، ގޮނޑިބަރިއާ ދިމާލު ފެންސު މަތިން ފުއްމާލައިގެން މޫސާ ދަނޑަށް އަރާތަނުން އޭނާގެ ހިފެހެއްޓުމަށް ނިއުރޭޑިއަންޓުގެ ފޯވާޑު އަހުމަދު ނިޔާޒު (ނިޔާ) މަސައްކަތް ކުރެ އެވެ. ހަމަނުޖެހުން ނުހިންގުމަށް ނިޔާ އޭނާއަށް ނަސޭހަތްތެރިވެ އެވެ. އޭނާ ދަނޑުމަތިން ބޭރު ކުރުމަށް މަސައްކަތް ކުރަން އުޅެނިކޮށް އިތުރު ސަޕޯޓަރުންތަކެއް ދަނޑަށް އެރުމަށް މަސައްކަތް ކުރެ އެވެ. ސަޕޯޓަރުން ދަނޑަށް އެރިޔަ ނުދިނުމަށް ހުރަސް އަޅަން ހުރި ނިއުގެ ސަޕޯޓަރެއްގެ ކަރުގައި މޫސަ ހިފައި މާރާމާރީ ހިންގަން ފެށުމުން ފުލުހުންނާއި ސަޕޯޓަރުންގެ ބަޔަކު އެ ދެ މީހުން ދުރުކުރަން މަސައްކަތް ކުރެ އެވެ. އެ ދެ މީހުން ދުރުކުރަން "ބޮޑިވެގެން" ތިބި ދަނޑިވަޅާ ދިމާކޮށް މާޒިޔާގެ އިތުރު ސަޕޯޓަރަކު، މާރާމާރީ ހިންގަން ފަށަ އެވެ. ބޮޑިވެގެން ތިބި ވަގުތު މީހެއްގެ ގައިގައި އަތުން ތަޅާތަން ވީޑިއޯއިން ފެނެ އެވެ.

ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭ ސަޕޯޓަރުންނާއި ފުލުހުން ގުޅިގެން އެ ހަމަނުޖެހުން ކޮންޓްރޯލް ކުރެ އެވެ.

ރޭގެ މެޗުގެ ވަކި ހިސާބަކުން ސަޕޯޓަރުންނާއި ކުޅުންތެރިންގެ މެދުގައި ވެސް ހަމަނުޖެހުން ހިންގި އެވެ. އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ނިއުގެ ރިލްވާން ވަހީދަށް މާޒިޔާގެ ބިދޭސީ ކުޅުންތެރިޔަކު ކުރި ފައުލާ ގުޅިގެން ނެވެ. ރެފްރީ ކަށިގަނޑު ފުމުނު ފަހުން ވެސް ބިދޭސީ ކުޅުންތެރިޔާ ވަނީ ރިލްވާނުގެ ގައިގައި ފައިން ޖަހާފަ އެވެ. އަދި އެ ފައުލްގެ ކުރިން އަލީ އަޝްފާގް (ދަގަނޑޭ)އަށް ވެސް މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ހަމަލާދިނެވެ. ފައިން ޖަހައި އޭނާއަށް ހަމަލާދިނީ ވެސް ރެފްރީ ކަށިގަނޑު ފުމުނު ފަހުންނެވެ.

ދަނޑު ތެރޭގައި ރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން ހައްޔަރު ކުރި މޫސަ އަކީ މީގެ ކުރިން ރެފްރީ އަހުމަދު އަސްލަމަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި ތިން އަހަރު ދުވަހަށް ދަނޑަށް ވަނުމަށް މަނާކޮށްފައިވާ މީހެކެވެ. އޭނާ ދަނޑަށް ވަނުން ސެސްޕެންޑް ކުރީ މިއަހަރުގެ މެއި މަހު ތެރޭގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަނޑުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމަށާއި އެކަން ފުލުހުން ބަލަމުންދާ ކަމަށެވެ. ތަފްސީލެއް ފުލުހުން ނުދެ އެވެ.