ތައުލީމީ ފެންވަރު އަބަދު ވެސް ގުޅިފައި އޮންނަނީ މުދައްރިސުންގެ ފެންވަރުގެ މައްޗަށް ކަމުން މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެޑިއުކޭޝަން މިނިސްޓަރު މިއަދު ނެރުއްވި ހިތާބެއްގައި ވިދާޅުވެފައި ވަނީ ހިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް ޒަމާނާ އެއްގޮތަށް ތާޒާވުމާއި ތަމްރީން ހަލުވިކޮށް ދެވޭނެ އިންތިޒާމެއް ގާއިމުކުރުމަކީ ތައުލީ ފެންވަރު އިތުރުކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ހިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް، ޒަމާނާ އެއްގޮތަށް ތާޒާވުމާއި އިތުރު ތަމްރީން މިހާރަށް ވުރެ ފަސޭހައިން އަދި ހަލުވިކޮށް ދެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަދި މިފަދަ ފުރުސަތުތައް މުދައްރިސުންނަށް ސްކޫލުގެ ތެރެއިން އިންތިޒާމެއް ހަމަޖެއްސުމަކީ މުހިއްމު ކަމެއް،" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ޖީލެއް ބިނާކުރުމުގައި އެންމެ ބޮޑު ބުރަ އުފުއްލަވާ ބޭފުޅުންނަކީ މުދައްރިސުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް ޝުކުރުއަދާކޮށް ހިތްވަރު ދެއްވަން ޖެހޭ ކަމަށެވެ. އެގޮތުން މުދައްރިސުން ކުރައްވާ މަސައްކަތާ ގުޅޭ އުޖޫރައަކާއި ހިދުމަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.